10 Dec 2015, 15:29
މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ އަޅާ ބަލާއިރު މިއަހަރު ނޮވެމްބަރު މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ލިބުނު އާމްދަނީ 4.7 ޕަސެންޓް އިތުރު ކަމަށް އެ އިދާރާގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
މީރާގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މީރާއަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 795.6 މިލިއަން ރުފިޔާ އެވެ. ނަމަވެސް މިއަހަރު ނޮވެމްބަރު މީރާއަށް ލިބިފައިވާ ޖުމްލަ އާމްދަނީގެ އަދަދަކީ 833.1 މިލިއަން ރުފިޔާ އެވެ. އެއީ ގާތްގަނޑަކަށް 4.7 ޕަސެންޓްގެ ކުރިއެރުމެކެވެ.
މިއަހަރު ޖެނުއަރީ އިން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް ލިބިފައިވާ އާމްދަނީގެ ޖުމްލަ އަދަދަކި 12.042 ބިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރު އެ މުއްދަތުގައި ލިބިފައި ވަނީ 10.497 ބިލިއަން ރުފިޔާ އެވެ.
ދައުލަތުގެ ޓެކްސް އިދާރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ނޮވެމްބަރު މަހު އެ އިދާރާއަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ ޖީއެސްޓީ އިންނެވެ. އެގޮތުން ޖީއެސްޓީގެ ގޮތުގައި ދައުލަތަށް ވަދެފައި ވަނީ 473 މިލިއަން ރުފިޔާ އެވެ. އަދި ކުލީގެ މުއްދަތު އިތުރުކޮށްދީގެން 193 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި މިދިޔަ މަހު އަލަށް ނަގަން ފެށި ގްރީން ޓެކްސްގެ ގޮތުގައި ލިބިފައި ވަނީ 528 ޑޮލަރެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ނޮވެމްބަރު މަހު ޑޮލަރުން އާމްދަނީގެ ގޮތުގައި، 37.9 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.