އިހުތިރާމް ކުރުން ދިވެހި މުޖުތަމައުގައި އަށަގަންނުވަން ޖެހޭ ކަމަށާއި އިހުތިރާމް ކުރުމުގެ ސަގާފަތް އަށަގެންނެވުމަށް ގުޅިގެން މަސައްކަތް ކުރުމަށް ރައީސް ޔާމީން އިލްތިމާސްކުރައްވައިފި އެވެ.

މިއަދު ފާހަގަކުރަމުންދާ އިންސާނީ ހައްގުތަކުގެ ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ފޮނުވި ހާއްސަ މެސެޖުގައި ވިދާޅުވެފަ ވަނީ ވަކި ވަކި ފަރުދުންނާއި މުޖުތަމައު އަދި ދައުލަތުގެ ހައްގުތަކަށާއި ޒިންމާތަކަށް އިހުތިރާމްކުރުން ދިވެހި މުޖުތަމައުގައި އަށަގަންނުވަން ޖެހޭކަމަށެވެ.

"ވަކިވަކި ފަރުދުންނާއި، މުޖުތަމަޢާއި، ދައުލަތުގެ ޙައްޤުތަކަށާއި ޒިންމާތަކަށް އިޙުތިރާމްކުރުން ދިވެހި މުޖުތަމަޢުގައި އަށަގަންނުވަންޖެހޭ.އޭގެ ސަބަބުން އިންސާނީ ޙައްޤުތައް ކުރިއެރުވުމަކީ އާންމު ދިރިއުޅުމުގެ ބަޔަކަށް ވެގެންދާނެ" ރައީސް ޔާމީންގެ ހިތާބުގައި ބުނެފައިވެ އެވެ.

އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަށް ހަމަ އެކަނި ގާނޫނުތަކަކާއި އުސޫލުތަކެއް ހެދިފައި ހުރުމަކުން ނުފުދޭ ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވި އެވެ.

މިއަދުގެ ސަރުކާރުން އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް ގެންގުޅުއްވާ ސިޔާސަތުތަކެއްގެ ގޮތުގައި ރައީސް ޔާމީންގެ މެސެޖުގައި ފާޙަގަކުރައްވާފައި ވަނީ ދިވެހި ރައްޔިތުން ބާރުވެރި ކުރުވުމާއި އެމީހުންގެ ބޭނުންތައް ފުއްދައިދީ ދިރިއުޅުމުގެ ފަންވަރު ރަނގަޅު ކުރުން އަދި ކަންކަމުގައި އަމިއްލަ ވިސްނުމާއި ގާބިލިއްޔަތު ބޭނުން ކުރެވޭނެ ފުރުސަތުތައް ފަހިކޮށްދިނުމެވެ.

މިއަހަރުގެ އިންސާނީ ހައްގުތަކުގެ ދުވަހުގެ ޝިއާރަކީ "އަހަރުމެންގެ ހައްގުތައް. އަހަރުމެންގެ މިނިވަންކަން. އަބަދުވެސް." އެވެ.