10 Dec 2015, 14:39
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކޮންމެހެން ބޭނުންވާ މައުލޫމާތު ލިބުމުގައި ދަތިތަކެއް ދިމާވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
އެކަމަނާ އެހެން ވިދާޅުވީ ޗައިލްޑް އެޑްވޮކެސީ ނެޓްވޯކް އޮފް ޑިސޭބިލިޓީ އޯގަނައިޒޭޝަން (ކޭންޑޫ) އިން އިންތިޒާމު ކޮށްގެން ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ދުވަސް ފާހަގަ ކުރުމަށް އިސްލާމީ މަރުކަޒުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
އެ ރަސްމިއްޔާތުގައި މެޑަމް ފާތުން ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކުރާ މުއާހަދާގެ އަތްމަތީ ފޮތް ނެރެދެއްވާފަ އެވެ.
މެޑަމް ފާތުން ވިދާޅުވީ ކުޑަކުދިންނާ ރައްޓެހި ގޮތަކަށް ދިވެހި ބަހުން، އެފަދަ ފޮތެއް ނެރުމަކީ އެ ކުދިންގެ ހައްގުތައް ހިމާޔަތް ކުރުމަށް ކުރާ މަސައްކަތަށް ލިބުނު ކުރި އެރުމެއް ކަމަށް މެޑަމް ފާތުން ވިދާޅުވި އެވެ.
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ހައްގުތަކާމެދު މުޖުތަމައު ހޭލުންތެރި ކުރުމަށް މިއަދު އިފްތިތާހު ކުރި އަތްމަތީ ފޮތް ބޭނުން ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މެޑަމް ފާތުން ވިދާޅުވި އެވެ.
"މި ހައްގުތަކާ މެދު މުޖުތަމައު ހޭލުންތެރި ކުރުވުމަށް ސަރުކާރާއި އަމިއްލަ ފަރާތްތަކާ އަދި ސުކޫލްތަކުން ވެސް މި އަތްމަތީ ފޮތް ބޭނުން ކުރާނެ ކަމަށް އަޅުގަނޑު އުއްމީދު ކުރަން،" މެޑަމް ފާތިމަތު ވިދާޅުވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި އެކަމަނާ ވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށްގެން ތައްޔާރު ކޮށްފައިވާ ވެބްސައިޓެއް ވެސް އިފްތިތާހު ކޮށްދެއްވާފަ އެވެ.
އެ ވެބަސައިޓާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން މެޑަމް ފާތިމަތު ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކޮންމެހެން ބޭނުންވާ މައުލޫމާތު ލިބުމުގައި ދަތިތަކެއް ދިމާވެފައިވާ ކަމަށެވެ.
ފާތުން ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ހައްގުތަކާއި މެދު މުޖުތަމައު ހޭލުންތެރިވުން ވަރަށް މުހިއްމު ކަމަށެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތް ކުރާ މުއާހަދާގެ ކުޑަކުދިންގެ އަތްމަތީ ފޮތް އިފްތިތާހު ކޮށްދެއްވަނީ --- ސަން ފޮޓޯ: އަލީ ނަސީރު
މިއަދު އިފްތިތާހު ކުރި ވެބްސައިޓުގެ ސަބަބުން އެފަދަ ކަންތައްތަކަށް ލުއިފަސޭހަ ކަމެއް ލިބިގެންދާނެ ކަަމަށް އުއްމީދު ކުރައްވާ ކަމަށް މެޑަމް ފާތުން ވިދާޅުވި އެވެ.
"މިފަދަ ކުދިންނަށާއި މިފަދަ ކުދިންގެ ބެލެނިވެރިންނަށް މުހިއްމުވާނޭ މައުލޫމާތުތައް ހިމެނޭ ގޮތަށް ކެންޑޫގެ ވެބްސައިޓެއް ލޯންޗު ކުރެވިގެން ދިއުމީ ނުހަނު ގިނަ ލުއި ފަސޭހަތަކެއް ލިބިދޭނޭ ވަސީލަތެއް،" މެޑަމް ފާތިމަތު ވިދާޅުވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވަނީ ޗައިނާ އެމްބަސީގެ އެހީތެރިކަމާއެކު ތައްޔާރުކޮށްފައިވާ އިންސްޕިރޭޝަނަލް ވީޑިއޯ ކްލިޕެއްވެސް ރަސްމިއްޔާތުގެ ބައިވެރިންނަށް ދައްކާލާފަ އެވެ.