މަސްވެރިކަމުގެ ދާއިރާއަށް ބޮޑެތި ހިދުމަތްތަކެއް ކުރައްވާފައިވާ ހަތަރު ބޭފުޅެއްގެ އަގު ވަޒަންކޮށް ފިޝަރީޒް މިނިސްޓްރީން އެބޭފުޅުންނަށް ހަނދާނީ ފިލައެއް ދީފި އެވެ.

މިއަދު ފާހަގަ ކުރާ މަސްވެރިންގެ ދުވަހުގެ މުނާސަބާގައި ފިޝަރީޒް މިނިސްޓްރީން ހަނދާނީ ފިލާ ދިނީ ކުރީގެ ފިޝަރީޒް މިނިސްޓަރު އަދި ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢަބުދުއް ރަޝީދު ޙުސައިން، އެސްޓީއޯ އެފްޕީ އައިޑީގައި ކުރިން މަސައްކަތް ކުރައްވައި އަދި މިހާރު ހޮރައިޒަން ފިޝަރީޒްގެ މެނޭޖިން ޑައިރެކްޓަރު ޢަދުނާން ޢަލީ، ފިޝަމެން އެސޯސިއޭޝަންގެ ރައީސް މައިޒާން އަހުމަދު މަނިކު އަދި މަސްވެރިކަމުގެ އުފެއްދުންތައް އުފައްދާ ކުންފުންޏެއްކަމަށްވާ އެންސިސްގެ މެނޭޖިން ޑައިރެކްޓަރު މުޙައްމަދު ވަސީމަށެވެ.

އެބޭފުޅުންނަށް ހަނދާނީ ފިލާ ދެއްވީ އެކަމަށްޓަކައި ފިޝަރީޒް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފިޝަރީޒް މިނިސްޓަރު ޑރ. މުޙައްމަދު ޝައިނީއެވެ.

މިނިސްޓަރު ވިދާޅުވީ މިނިސްޓްރީން ނިންމާފައި އޮތީ އެކަށީގެންވާ މުއްދަތަކަށް ވަޒީރުކަން ކުރައްވާފައި ތިއްބެވި ބޭފުޅުންގެ ތެރެއިން މިހާރު ދުނިޔޭގައި ތިއްބެވި ބޭފުޅުންނާއި އިންޑަސްޓްރީގައި މިހާރުވެސް ހިދުމަތް ކޮށްދެއްވަމުން ގެންދަވާ އަދި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅުންނާއި ދައުލަތުން އެކި އެކި ޝަރަފްތައް މަސްވެރިކަމުގެ ދާއިރާއިން ދެއްވާފައި ތިއްބެވި ބޭފުޅުންގެ އަގުވަޒަން ކުރުމަށް ކަމަށެވެ.