10 Dec 2015, 14:58
ބޭރު ދުނިޔޭގައި "ބަޔަކު މީހުން" ރާއްޖޭގެ ޓޫރިޒަމް ބޮއިކަޓް ކުރަން މަސައްކަތް ކުރަމުންދާ ކަމަށާއި އޭގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމްގެ ހައިސީޒަންގައި ދަތިތަކާ ކުރިމަތިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ޖަރުމަނުގެ ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދެމުން އަންނަ "ލުފްތަންސާ"ގެ ސީދާ ދަތުރުތައް ރާއްޖެއަށް ފެށުމުގެ ގޮތުން މިއަދު އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތަށް ފަހު މީޑިއާތަކާ ވާހަކަ ދައްކަވަމުން ޒަމީރު ވިދާޅުވީ، ބޮއިކޮޓް ކުރުމުގެ ކަންކަން މިހާރު ވެސް ރާއްޖޭން ބޭރުގައި ބަޔަކު ކުރިއަށްގެންދާ ކަމަށެވެ. ނަމަވެސް އެކަން ކުރަމުން އަންނަނީ ސީދާ ކޮން ބައެއްކަމެއް މިނިސްޓަރު ވިދާޅެއް ނުވެއެވެ.
ރާއްޖެ އަށް ޓޫރިސްޓުން އަންނަ އަދަދު މަދުވެލާފައިވާތީ އޭގެ ސަބަބެއް ކަމަށް ޒަމީރު ވިދާޅުވީ، އެކިއެކި ސަބަބުތަކާ ހުރެ މުޅި ދުނިޔޭގެ ޓްރެވަލް މާކެޓަށް މިހާރު ބޮޑެތި ބަދަލުތަކެއް އަންނަ ކަމަށެވެ.
"އަސްލު ހަގީގަތުގައި އަޅުގަނޑުމެންނަށް ބައެއް ގައުމުތަކަށްވުރެ ތަންކޮޅެއް ބޮޑު ޗެލެންޖެއް މިއަހަރު ދިމާވި ފަހުކޮޅު. އެއްކަމަކީ ވަރަށް ބޮޑަށް ބޮއިކަޓް ކުރުމުގެ ހަރަކާތްތަކެއް ހިންގާފައި އެބައޮތް ބަޔަކު. އޭގެ ސަބަބުން ވެސް އަޅުގަނޑުމެންނަށް ދަތިތަކެއް ކުރިމަތިވި [ޓޫރިސްޓުން ގެނައުމުގައި]. އަދި ސްޓޭޓް އޮފް އެމެޖެންސީ ޑިކްލެއާކުރުމުގެ ސަބަބުން ވެސް ގެއްލުންތަކާ ކުރިމަތިވި، އެހެންނަމަވެސް ހުރިހާ ކަމަމުން އިރާދަކުރެއްވިޔާ އެބަ ބައުންސްޕެކްވޭ. ނަމަވެސް ބޮއިކޮޓްކުރުމުގެ ހަރަކާތްތައް މިހާރު ވެސް ހިންގާތީ ދަތިތައް އަދިވެސް ކުރިމަތިވޭ،" ޒަމީރު ވިދާޅުވި އެވެ.
ޒަމީރު ވިދާޅުވީ މި އަހަރުގެ ފަހުކޮޅަށް އައިސް ދުނިޔޭގެ ޓްރެވަލް މާކެޓަށް ވެސް ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އޭގެ ސަބަބަކީ މިސުރުގައި ދިމާއި މައްސަލަ ކަމަށާއި އޭގެ އިތުރުން ރާއްޖެ ވިންޓާ އަށް ތައްޔާރުވަމުން އައި އިރު، ޕެރިހުގައި ދިމާވި ހާދިސާއާ ގުޅިގެން ވެސް ދުނިޔޭގެ ޓޫރިޒަމް މާކެޓްތަކަށް ގެއްލުންތައް ދިމާވާކަމަށް ޒަމީރު ވިދާޅުވި އެވެ. ރާއްޖެއަކީ ދުރު ގައުމުތަކުން ޓޫރިސްޓުން ގެންނަ ތަނަކަށްވާ އިރު އެފަދަ ކަންކަމާ ހުރެ ފަތުރުވެރިން ކައިރި ގައުމުތަކަށް ދަތުރުކޮށް ޓްރެވަލް ޕެޓާން ބަދަލުވެފައިވާ ކަމަށް ވިދާޅުވި އެވެ.
ޒަމީރު ވިދާޅުވީ ބޮއިކޮޓް ކޮށްގެން ޓޫރިސްޓުންގެ އެރައިވަލް އަށް އަންނަ ބަދަލުގެ ސަބަބުން ލިބޭ ގެއްލުން ފޫބެއްދުމަށް ޓަކައި ސަރުކާރުން ވަރަށް ހަރުދަނާ ސިޔާސަތުތަކެއްގެ ދަށުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.