10 Dec 2015, 14:11
ވޮޝިންޓަން (ޑިސެމްބަރ 10): ސީރިއާގެ ރައްގާގައި އައިއެސް މެމްބަރުން ދިރިއުޅޭ ދެ ސަރަހައްދަކަށް ސަބްމެރިން ބޭނުން ކޮށްގެން ފުރަތަމަ ފަހަރަށް ރަޝިއާއިން މިސައިލް ހަމަލާތައް ދީފި އެވެ.
ރަޝިއާގެ ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި މި ސައިލްތައް ލޯންޗުކޮށްފައި ވަނީ މެޑިޓެރޭނިއަންގައި އޮތް ރަޝިއާގެ ޑީސެލް އިލެކްޓްރިކް ސަބްމެރިން އަކުންނެވެ.
ސީރިޔާގެ ރައްގާއަށް ދިން އެ ހަމަލާތަކުގައި އައިއެސްގެ ވަޒަން ރައްކާކުރާ ގުދަނަކަށާއި، ލޭންޑް މައިން އުފައްދާ ކާރުހާނާއަކަށާއި، ތެޔޮ ފީލްޑަކަށް ހަމާލާތައް އަމާޒުވެފައިވާ ކަމަށް ރަޝިއާގެ ޑިފެންސް މިނިސްޓްރީން އެ ގައުމުގެ ރައީސް ލަޑިމިއާ ޕުޓިން އަށް މައުލޫމާތު ދީފައިވެ އެވެ.
ފާއިތުވި ތިން ދުވަސްތެރޭގައި ރަޝިއާއިން އައިއެސްގެ 600 ސަރަހައްދަކަށް ހަމަލާދީފައިވާނެ ކަމަށް ރަޝިއާއިން ބުނެ އެވެ. އެ ހަމަލާތަކަކީ ޓެރަރިސްޓު ޖަމާއަތްތަކަށް ދޭ ހަމަލާތައް އިތުރު ކުރުމަށް ޑިސެމްބަރު 5ގައި ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިން އެންގެވުމުގެ ސަބަބުން ދޭން ފަށާފައިވާ ހަމަލާތައް ކަމަށް ޑިފެންސް މިނިސްޓްރީގެ ފޭސްބުކް ޕޭޖުގައިވެ އެވެ.
ރަޝިއާއިން ސީރިޔާ ހަނގުރާމައިގައި ބައިވެރިވާން ފަށާފައި ވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހު އެވެ.