09 Apr 2011, 18:04
ޕެރިސް : ފަރަންސޭސި މަޖައްލާއެއް ކަމަށްވާ ލޮޕްވާން ގެ އެޑިޓަރ އިން ޗީފް ފްރާންޒް އޮލިވަރ ގިސްޕިޔަރ ގެ މޫނު ޗިިސް ކޮށްލާނެ ކަމުގެ އިންޒާރު ފަރަންސޭސި ރައީސް ނިކޮލައި ސަރކޯޒީ ދެއްވައިފިއެވެ.
ސަރކޯޒީ މިއިންޒާރުދެއްވީ ގިސްޕިޔަރ އާ މިއަދު ފޯނުން ދެއްކެވި ވާހަކަފުޅެއްގައެވެ. ފޯނުން ދެއްކެވި ވާހަކަފުޅުގައި ދެބޭފުޅުން ވަރަށް ހަރުކަށި ޢިބާރާތުން 40 މިނިއްޓުވަންދެން ޒުވާބު ކުރައްވިކަމަށް ފަރަންސޭސި މީޑިޔާ ޚަބަރުދެއެވެ.
މިދިޔަ ހުކުރުދުވަހު ލޮޕްވާން މަޖައްލާ ގައިވަނީ ސަރކޯޒީގެ އަނބިކަނބަލުން ކާލާ ބްރޫނީގެ ބަޔޮގްރަފީ އާބެހޭ އާޓިކަލެއް ޝާއިޢުކޮށްފައެވެ. މިއާޓިކަލްގައި ކާލާ ބްރޫނީ، ގިނަޢަދަދެއްގެ ފިރިހެނުންނާއެކު ޖިންސީ ގުޅުންތައް ހިންގާފައިވާކަން ބަޔާންކޮށްފައިވެއެވެ. އަދި ކާލާ ބްރޫނީ، ކައިވެނީގެ ބޭރުން ޖިންސީ ގުޅުންތައް ހިންގެވި ފަރާތްތަކުގެ ތެރޭގައި ހުޅަނގުގެ މަޝްހޫރު ރޮކް ލަވަކިޔުންތެރިންނާއި ފިލްމީ ތަރިންނާއި މަޝްހޫރު ވިޔަފާރިވެރިން ހިމެނޭކަންވެސް ހާމަކޮށްފައިވެއެވެ.
އިޓަލީގެ ރައްޔިތެއް ކަމަށްވާ ކާލާ ބްރޫނީ އަކީ ސަރކޯޒީ ކައިވެނި ބައްލަވައިގަތުމުގެ ކުރިން މޮޑެލްއެއްގެ ގޮތުގައި ޙަރަކާތްތެރިވަމުން ދިޔަ މަޝްހޫރު އަންހެނެކެވެ. ލޮޕްވާން މަޖައްލާގައި ޕެޓްރިކް ޕިސޯން އިއްޔެ ލިޔުއްވާފައިވާ މަޒްމޫނެއްގައި ސަރކޯޒީއަށް 24 ނަސީޙަތެއް ހުށަހަޅުއްވާފައިވެއެވެ.
މީގެ ތެރެއިން އެއް ނަސީޙަތް، ސަރކޯޒީއަށް ގޮވާލަނީ އޭނާގެ ދަރިންނަށާއި އެމެރިކާގެ ރައީސް ބަރަކް އޮބާމާއަށާއި ދުނިޔޭގެ އެހެން ލީޑަރުންނަށާއި ޤަދަރުވެރި ޝަޚްސިއްޔަތްތަކަށް އަނބިކަނބަލުން ކާލާ ބްރޫނީ ތަޢާރަފް ނުކުރެއްވުމަށެވެ. މިއީ ކާލާ ބްރޫނީ އަކީ ހަށިވިއްކުމުގައި ކުރިންއުޅުއްވި މުޑުދާރު އަންހެނެއްކަން ދޭހަކޮށްދިނުމުގެ ނަސީހަތެއްގެ ގޮތުގައި ސަރކޯޒީ ދެކެވަޑައިގަންނަވައެވެ.
މި މައްސަލާގައި ސަރކޯޒީއާއި ގިސްޕިޔަރ ފޯނުން ދެއްކެވި ވާހަކަފުޅުގައި ގިސްޕިޔަރ ގެ މޫނު ޗިިސް ކޮށްލާނެ ކަމުގެ އިންޒާރު ސަރކޯޒީ ދެއްވުމުން އެއީ ބިރުދެއްކުމުގެ ޢަމަލެއް ކަމާއި އާންމު ރައްޔިތަކަށް ބިރުދެއްކުމަކީ ދައްވާކުރަންޖެހިދާނެ ކަމެއް ކަމުގެ އިންޒާރު ގިސްޕިޔަރ ސަރކޯޒީއަށް ދެއްވި ކަމަށް ޚަބަރުތައް ބުނެއެވެ.
ސަރކޯޒީއާ ކައިވެނި ބައްލަވައި ގަތުމުގެ ކުރިން ކާލާ ބްރޫނީއަކީ މުއްސަނދި ވިޔަފާރިވެރިންނަށް ހަށިވިއްކުމުގައި އެތަށް އަހަރެއް ވޭތުކޮށްފައިވާ މޮޑެލްއެއްކަމުގެ ޚަބަރުތައް ޔޫރަޕްގެ ވަރަށް ގިނަ ޓެބްލޮއިޑް ނޫސްތަކުގައި ކުރިންވެސް ޝާއިޢުކޮށްފައިވެއެވެ.
ކައިވެނިންބޭރުގައި ކާލާ ބްރޫނީ ޖިންސީ ގުޅުންތައް ހިންގެވި ފަރާތްތަކުގެ ތެރޭގައި ހުޅަނގުގެ މަޝްހޫރު ރޮކް ލަވަކިޔުންތެރިންނާއި ފިލްމީ ތަރިންނާއި މަޝްހޫރު ވިޔަފާރިވެރިން ހިމެނެއެވެ.
މީގެތެރެއިން މިކް ޖެގަރ އާއި އެރިކް ކްލަޕްޓޮންއާ އަދި ޑޮނަލްޑް ފަދަ މީހުންނަކީ ލޯބިވެރިންގެ ގޮތުގައި ކާލާ ބްރޫނީ އެތަށް ދުވަހަކު ރައްޓެހި ވެގެންއުޅުނު މީހުން ކަންވެސް ޓެބްލޮއިޑް ނޫސްތަކުގައިވާ ޚަބަރުތަކުން ހާމަވެފައިވެއެވެ. -- ނޫސްއެޖެންސީތައް، ފަރަންސޭސި މީޑިޔާ