ސަލްމާން ހާން ދުއްވި ކާރަކުން ޖެހި މީހަކު މަރުވި މައްސަލާގައި ފަސް އަހަރަށް ޖަލަށް ލާން އޭނާގެ މައްޗަށް ކުރި ހުކުމް ބޮމްބޭ ހައިކޯޓުން ބާތިލުކޮށްފި އެވެ.

ބޮމްބޭ ހައި ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ ސަލަމާން ހާން މަސްތުގެ ހާލަތުގައި އިނދެ ކާރު ދުއްވި ކަމަން ހުށަހަޅާފައިވާ ހެއްކާ ގަރީނާއަށް ބިނާކޮށް ސާބިތު ނުވާ ކަމަށެވެ. އެ ހުކުމުގައިވާ ގޮތުން ސަލްމާން ހާންގެ މައްޗަށް ދަށު ކޯޓުން ހިންގި ޝަރީއަތަކީ ފުރިހަމަ ޝަރީއަތެއް ނޫނެވެ.

ސަލްމާންހާންގެ މައްޗަށް ދަށު ކޯޓުން ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ 2002 ވަނަ އަހަރު މުމްބާއީގެ މަގެއްގެ އަރިމަތީގައި ނިދާފައި ތިބި ބައެއްގެ ގައި މަތިން ސަލްމާން ހާން ރާ ބޮއިގެން ކާރު ދުއްވުމުގެ ސަބަބުން އެތަނުން ބައެއް މީހުންނަށް ބޮޑެތި އަނިޔާވެ، އޭގެ ތެރެއިން އެކަކު މަރުވި މައްސަލައިގެ ކުށް ސަލްމާންގެ މައްޗަށް ޝަރީއަތުގައި ސާބިތުވެގެންނެވެ.

ދަށުކޯޓުން ސަލްމާނުގެ މައްޗަށް ކޮށްފައިވާ ހުކުމުގައި ލައިސަންސް ނެތި ކާރު ދުއްވި ކަމުގެ ކުށުގައި 500 އިންޑިއަން ރުޕީސް އިން ޖޫރިމަނާކޮށް، ދެ މަސް ދުވަހަށް ޖަލަށް ލުމަށް ވަނީ ކަނޑައަޅާފަ އެވެ. އަދި ރާބޮއިގެން އިނދެ މަގުމަތީގައި ނިދާފައި ތިބި ބައެއްގެ ގައިމަތިން ކާރު ދުއްވުމުގެ ސަބަބުން މީހަކު މަރުވި ހާދިސާއަކީ ގަސްދުގައި ކުރި ކަމެއް ނޫން ކަމުގައި ވިނަމަވެސް މީހަކު މެރުމާ އެއްފަދަ ކުށެއް ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

ނަމަވެސް ހައިކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ ސަލްމާނު ހާންގެ މައްޗަށް ކުށް ސާބިތުވާކަމަށް ބޮމްބޭ ކޯޓުން ހުކުމް ކުރީ ބަލަންވާ ވަރަށް ނުބަލާ ކަމަށެވެ

ސަލްމާން އަކީ މިހާތަނަށް ބޮލީ ވުޑްގައި ސުޕާހިޓް އެތައް ފިލްމެއް ކުޅެ ގިނަ ބައެއްގެ މަގުބޫލްކަން ހޯދާފައިވާ ތަރި އެކެވެ. އޭނާ ސުޕާހިޓް ފިލްމްތަކުގެ ތެރޭގައި ބޮޑީގާޑް، ދަބަންގް، ރެޑީ، އެކްތާ ޓައިގާ، ހަމް އާޕްކޭ ހޭ ކޯން، މެއިނޭ ޕީރުކިޔާ ފަދަ ފިލްމްތައް ހިމެނެ އެވެ. އަދި މިހާރު ވެސް އޭނާ ގެންދަނީ ބޮޑު ދެ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ.