ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރު ފުލުހުންނަށް ރިޝްވަތު ދިންކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގު ނިންމައި ޝަރީއަތަށް ހުށަހެޅުމަށްޓަކައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ޕީޖީ އޮފީހުގެ އޮފިޝަލަކު ސަން އަށް ވިދާޅުވީ އެ މައްސަލަ އެ އޮފީހަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ހުށަހަޅާފައި ވަނީ މިއަދު ކަމަށެވެ.

"މިއަދު މޯލްޑިވްސް ޕޮލިސް ސާވިސް އިން ވަނީ މި އޮފީހަށް އެ މައްސަލަ ހުށަހަޅާފައި. އެ މައްސަލަ ދިރާސާ ކުރުމުގެ މަސައްކަތް މި އޮފީހުން މިހާރު ކުރަމުންދަނީ،" އޮފިޝަލް ވިދާޅުވި އެވެ.

ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ހެޑް، ޗީފް ސުޕްރިންޓެންޑެންޓު އޮފް ޕޮލިސް ހަމްދޫން ރަޝީދު ވިދާޅުވީ އަދީބު ޕޮލިސް އިންޓެލިޖެންސްގެ އޮފިސަރުންނަށް ރިޝްވަތު ދިންކަމުގެ ހެކި ތަހުގީގަށް ލިބިފައިވާ ކަމަށެވެ.

ހަމްދޫން ވިދާޅުވީ ތަހުގީގުން އެނގުނު ގޮތުގައި ޕޮލިސް އިންޓެލިޖެންސްގެ ބައެއް އޮފިސަރުންނަށް ރަސްމީ ހައިސިއްޔަތުން ލިބިފައިވާ މައުލޫމާތާއި އަދި އެބޭފުޅުންގެ އިލްމާއި ތަޖުރިބާ އާއި ހުނަރު އެބޭފުޅުންނަށް ރިޝްވަތުދީގެން އަމިއްލަ ބޭނުމަށް ހޯދަން އަދީބު މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އެ މައްސަލާގައި ލިބިފައިވާ ހެކިތަކުގެ މައްޗަށް ބިނާކޮށް ޕޮލިސް އިންޓެލިޖެންސްގެ އޮފިސަރުންނާ ސުވާލުކުރުމުން އިންޓެލިޖެންސް މައުލޫމާތު އަދީބާ ހިއްސާކޮށްގެން އެބޭފުޅުންނަށް މާލީ މަންފާ ލިބިފައިވާ ކަމަށް އެބޭފުޅުން ތަހުގީގަށް ކިޔައިދީފައިވާ ކަމަށް ވެސް ހަމްދޫން ވިދާޅުވި އެވެ.

ޕޮލިސް އިންޓެލިޖެންސްގެ އޮފިސަރުންތަކެއް އަދީބުގެ އެޕާޓްމަންޓަށް ވަދެ ނުކުމެ އުޅޭ މަންޒަރު ސީސީޓީވީ ފްޓޭޖުން ވެސް ފެންނަން އެބަހުރި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ރިޔާސީ ލޯންޗުކޮޅުގައި ބޮން ގޮއްވާލި މައްސަލައާ ގުޅިގެން ބަލައި ފާސްކުރި، އަދީބާ ގުޅުންހުރި ބައެއް އެޕާޓްމަންޓުތަކުން ފުލުހުންގެ ސިއްރު އިންޓެލިޖެންސް ރިޕޯޓުތައް ފެނިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.