10 Dec 2015, 12:12
ސާފް ސުޒުކީ ކަޕަށް ދާނެ އެންމެ ފިޓް ޓީމަކީ ރާއްޖޭގެ ގައުމީ ޓީމު ކަމަށް ގައުމީ ޓީމުގެ ފިޒީޝަން އަޙްމަދު ޝަކީބު ވިދާޅުވެއްޖެ އެވެ.
"ސަން"އާ ވާހަކަ ދައްކަމުން ޝަކީބު ވިދާޅުވީ އަނިޔާގައި ގިނަ ދުވަސް ތަކެއް ވަންދެން ތިބި ކުޅުންތެރިންގެ އަމިއްލަ މަސައްކަތުން އަނިޔާއިން ސަލާމަތްވެ، "ރިކަވާ" ވެފައިވާ ކަމަށާއި ސާފް ސުޒުކީ ކަޕަށް ދާއިރު ހުރިހާ ކުޅުންތެރިން ވެސް ފިޓްކޮށް ތިބޭނެ ކަމުގެ ބޮޑު ޔަގީން ކަމެއް އެބަ އޮތް ކަމަށެވެ.
ގައުމީ ޓީމުގެ ދެ ކީޕަރުން ކަމަށްވާ ޢިމްރާން މުޙައްމަދާއި މުޙައްމަދު ފައިސަލް އަނިޔާއިން ރިކަވާވުމަށް އެކުޅުންތެރިން އަމިއްލައަށް ބުރ މަސައްކަތަށް ޝަކީބު ވަނީ ތައުރީފު ކުރައްވާފަ އެވެ.
"އިމްރާން އާއި ފައިސަލް އެ ދައްކައިދެނީ އަރަމުން އަންނަ ޒުވާން ކުޅުންތެރިންނަށް ނަމޫނާއެއް. އިންޖަރީން ރިކަވާވުމަށް 200 ޕަސަންޓް ދީގެން އެ ދެކުޅުންތެރިން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައި،" ޝަކީބު ވިދާޅުވި އެވެ.
ޢިމްރާނާއި ފައިސަލަކީ އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކަށް ކުޅުމާ ދުރުގައި ތިބި ދެ ކުޅުންތެރިންނަށްވުމުން "މެންޓަލީ" ފިޓް ނޫން ކަމަށް ޝަކީބު އިޝާރާތް ކުރެއްވި އެވެ. ނަމަވެސް އެހެން ހުރިހާ ގޮތަކުން އެ ކުޅުންތެރިން ފިޓްވެފައިވާ ކަމަށް ޝަކީބު ވިދާޅުވި އެވެ. ނަމަވެސް އެކުޅުންތެރިންނަކީ މެޗްއާޑު ކުޅުންތެރިންނަށް ވުމުން މެންޓަލީވެސް އަވަހަށް ރިކަވާ ވާނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝަކީބު ވިދާޅުވީ ޓީމުގެ ކެޕްޓަން ޢަލީ އަޝްފާޤު (ދަގަނޑޭ) އާއި އެހެން ސީނިއާ ކުޅުންތެރިން ފިޓްކޮށް ތިބުމަށްޓަކައި ކުރަމުންދާ މަސައްކަތަކީ ތައުރީފު ހައްގު މަސައްކަތެއް ކަމަށާއި ޒުވާން ކުޅުންތެރިންނަށް ވެސް އެކުޅުންތެރިންގެ މަސައްކަތުން ހިތްވަރު ލިބިގެންދާނެ ކަމަށެވެ.
"ބައެއް ޒުވާން ކުޅުންތެރިންނަށް ކިތަންމެ ކުޑަ އަނިޔާއެއް ވިޔަސް އެކުޅުންތެރިންނަށް އެބަ ހީވޭ އެއީ ވަރަށް ބޮޑު ކަމެކޭ، ނަމަވެސް ސީނިއާ ކުޅުންތެރިން ކުރަމުންދާ މަސައްކަތުން ޒުވާން ކުޅުންތެރިންނަށް ވެސް ހިތްވަރެއް ލިބިގެން ދާނެ،" ޝަކީބު ވިދާޅުވިއެވެ.