10 Dec 2015, 12:02
އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް އުފުލި ހިޔާނަތްތެރިވުމުގެ ދައުވާއާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ ކޯޓުން ބަލައިގެންފި އެވެ.
އަދީބާއި ޒިޔަތުގެ މައްޗަށް އުފުލި ދައުވާގެ މައްސަލަ ވެސް ބަލައިގެންފައިވާކަން ކޯޓުން ވަނީ 'ސަން' އަށް ކަށަވަރުކޮށްދީފަ އެވެ.
އަދީބުގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް މާލެ އަތޮޅުގެ ފަޅެއް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ރާއްޖެ އިން ބޭރުގެ ބަޔަކަށް ދޫކުރުމަށް ފަހު ލިބުނު ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ދައުވާ އެވެ.
ގާނޫނުލްއުގޫބާތުގައި ބުނެފައި ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރާ މީހާ އެކުރަނީ ޖިނާއަތުގެ ހަތަރު ވަނަ ދަރަޖައިގެ ކުށެއް ކަމަށެވެ. އަދި ކުށްކުރާ މީހަކަށް ލިބޭ އެންމެ ބޮޑު އަދަބަކީ ހަތަރު އަހަރަށް ޖަލަށް ލުމެވެ.
ޒިޔަތުގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް މާލެ އަތޮޅުގެ ފަޅެއް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ރާއްޖެ އިން ބޭރުގެ ބަޔަކަށް ދޫކުރުމަށް ފަހު ލިބުނު ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ދައުވާ އެވެ.
ޒިޔަތުގެ މައްޗަށް ކޮށްފައިވާ ދައުވާގެ އެންމެ ބޮޑު އަދަބެއްގެ ގޮތުން ގާނޫނުލް އުގޫބާތުގައި ކަނޑައަޅާފައި ވަނީ އަށް އަހަރަށް ޖަލަށްލުމެވެ.