ގިނަ ފްލައިޓްތަކެއް ބައިވެރިވެގެން މާދަމާ ހަވީރު އެއާޝޯއެއް ބާއްވާތީ، މާލެ އާއި ވިލިމާލެ އަދި ތިލަފުށި ވައިގެ ސަރަހައްދުގައި ގުޑި އެރުވުން މަނާކޮށް، ހުއްދަ ހޯދައިގެން ނޫނީ ޑްރޯން ނޭރުވުމަށް އެދެފި އެވެ.

މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނެފައި ވަނީ މާދަމާގެ ހަވީރު 4:30 އިން ފެށިގެން އިރުއޮއްސި ހައެއް ޖަހަންދެން ގުޑި އެރުވުމަކީ މަނާ ކަމެއް ކަމަށެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓީން މިއަދު ނެރުނު އިއުލާނުގައި ބުނެފައި ވަނީ ބައިނަލްއަގުވާމީ މަދަނީ ވައިގެ ފަތުރުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އާއިލާތަކަށް ހިތްގައިމު ރީތި މަންޒަރުތަކަކާ އެކު އުފާވެރި ވަގުތުކޮޅެއް ހޭދަ ކުރުމުރުގެ ފުރުސަތު ދިނުމުގެ މަގުސަދުގައި މާލޭގެ ދެކުނު ފަރާތުގައި ފުލައި ޕާސްޓެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން ސިވިލް އޭވިއޭޝަން އޮތޯރިޓީއާ އޭވިއޭޝަން ސިނާއަތުގެ ބައިވެރިން ގުޅިގެން ހިންގާ ހަރަކާތް ކުރިއަށް ދާނީ މާދަމާގެ ހަވީރު 4:45 އިން 5:30 އާ ދެމެދު ކަމަށް ވެސް އެ އޮތޯރިޓީން ނެރުނު އިއުލާނުގައި ބުނެފައިވެ އެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިއުލާނުގައި ބުނެފައި ވަނީ އެ އޮތޯރިޓީގެ ހުއްދައާ އެކު މެނުވީ ޑްރޯން ދުއްވުމަކީ ވެސް މަނާ ކަމެއް ކަމަށެވެ.

މާދަމާ ކުރިއަށްދާ އެ ހަރަކާތުގައި މާލެއާ ހުޅެލެ އަދި ތިލަފުއްޓާއި ވިލިމާލެ ހިމެނޭ ވައިގެ ސަރަހައްދުގައި ބޯޓުތައް ވަރަށް ތިރިން ދަތުރު ކުރާނެ އެވެ.