10 Dec 2015, 13:14
އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމާއި ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީގެ ފޯވާޑް ޑިއެގޯ ކޯސްޓާ އޭނާ ލައިގެން ހުރި ބިބް ކޮޗް ހޯސޭ މޮރީނިއޯ އާ ދިމާލަށް އެއްލުމުން އެ ކަމާ ދެރަވާ ކަމަށް ބުނެފި އެވެ.
މިދިޔަ މަހު 29 ވަނަ ދުވަހު ޓޮޓެންހަމްގެ ދަނޑުގައި ކުޅުނު އެ މެޗްގައި ކޯސްޓާ ބެންޗްގައި ބެއިންދުމުން އޭނާ ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށް އޭނާ ލައިގެން ހުރި ބިބް މޮރީނިއޯއާ ދިމާލަށް ހޫރާލާފަ އެވެ.

އިނގިރޭސި ލީގްގައި ޗެލްސީ ޓޮޓެންހަމާއި ދެކޮޅަށް ކުޅުނު މެޗްގައި ކޯސްޓާ މޮރީނިއޯ ކުރި މަތިންލައިގެން ދަނީ: އޭނާ ލައިގެން ހުރި ރަތް ކުލައިގެ ބިބް ވަނީ މޮރީނިއޯއާ ދިމާލަށް އެއްލާފައި --- ފޮޓޯ:އޭޕީ
އިނގިރޭސި ރޭޑިއޯއަކަށް ދިން އިންޓަވިއުއެއްގައި ކޯސްޓާ ބުނީ ބައެއް ފަހަރު ރުޅި ކޮންޓްރޯލް ނުކުރުވުމުގެ ސަބަބުން ކުރެވޭ ކަންތައްތަކާއި ފަހުން ދެރަވާ ކަމަށާއި މޮރީނިއޯއާ ދިމާލަށް ބިބް އެއްލުމުން ފަހުން އެ ކަމަށް ދެރަވި ކަމަށެވެ.
"ބިބް މައްސަލައަކީ ކުރިން ވެފައިވާ ކަމަށް. އަހަރެންނަށް ހެނދުނީ ގޯހެއް. އެހެން ނަމަވެސް އަހަރެންނާއި މޮރީނިއޯއާ ދެމެދު ވަނީ ވަރަށް ރަނގަޅު ގުޅުމެއް. އެއްވެސް މައްސަލައެއް ނެތް މޮރީނިއޯއާ ދޭތެރޭގައި އެއް. ބައެއް ކަންތައްތައް ކޮންޓްރޯލް ކުރަން ޖެހޭ ކަމަށް އަހަރެން ވެސް ގަބޫލް ކުރަން،" ކޯސްޓާ ބުންޏެވެ.
މި ސީޒަނުގައި ކޯސްޓާ ގެ ކުޅުން ދަށް ވުމުގެ ނަތީޖާ އަކަށް ވެފައިވަނީ ފުރަތަމަ 11 އިން އޭނާ އަށް ޗާންސް ގެއްލި ބައެއް މެޗްތަކުގައި ބަދަލުކުރަން ޖެހުމެވެ. ހަތާވީސް އަހަރުގެ ކޯސްޓާ މި ސީޒަނުގައި ޗެލްސީއަށް ކުޅެދިން 18 މެޗްގައި އޭނާ އަށް ކާމިޔާބް ކުރެވިފައި ވަނީ އެންމެ ހަތަރު ގޯލެވެ.

ޗެމްޕިއަންސް ލީގްގައި ރޭ ޕޯޓާއާ ދެކޮޅަށް ޗެލްސީ ކުޅުނު މެޗް ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ކޯސްޓާ ބޭލުމުން މޮރީނިއޯއާ ސަލާން ކޮށްލަނީ: ކޯސްޓާއާ މޮރީނިއޯ ދޭތެރޭގައި އެއްވެސް މައްސަލަ އެއް ނެތް ކަމަށް އޭނާ ވަނީ ބުނެފައި --- ފޮޓޯ:އޭޕީ
ކޯސްޓާ ބުނީ އޭނާގެ ފޯމް ދަށް ވެފައިވާ ކަމަށް އޭނާ ވެސް ގަބޫލު ކުރާ ކަމަށާއި މި ސީޒަން ގައި ރަނަގަޅު ކުޅުމެއް ނުދެއްކޭ އިރު ކުރިއަށް އޮތް ޔޫރޯގައި ސްޕެއިން ޓީމުން ޖާގައެއް ހޯދުމަށް ވަރަށް ބުރަކޮށް މަސަތްކަތް ކުރަން ޖެހޭ ކަމަށެވެ.
"އަންނަ އަހަރު ބާއްވާ ޔޫރޯއަށް ސްޕެއިން ޓީމުން ޖާގައެއް ހޯދުމަށް ވަރަށް ބުރަކޮށް މަސަތްކަތް ކުރަން އިބަ ޖެހޭ. އެކަމަށް އަދި ވަގުތު އިބަ އޮތް އަދި. އަހަރެން އެ ކަން ކުރާނަން،" ކޯސްޓާ ބުންޏެވެ.
ކޯސްޓާ މޮރީނިއޯއާ ދިމާލަށް ބިބް އެއްލާލުމުން އެކުލަބުގެ ކުރީގެ ކުޅުންތެރިން ވަނީ ކޯސްޓާ އަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ކުރީގެ ފޯވަޑް ޑިޑިއޭ ޑްރޮގްބާ ބުނީ ކޮންމެ ކަމެއްގައި ވެސް ލިމިޓެއް އޮންނާނެކަން ކޯސްޓާ ހަދާންކުރަންޖެހޭނެ ކަމަށެވެ.