ރާއްޖެ އިން ޖައްވަށް ބޭރު ކުރާ ވިހަ ގޭސްތައް މަދުކުރުމަށް ކަނޑައަޅާފައިވާ 10 ޕަސެންޓަކީ މާކުޑަ މިންވަރެއް ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމާ ބެހޭ ގޮތުން ޕެރިހުގައި ކުރިއަށްދާ ކޮޕް21 ސަމިޓުގައި ރާއްޖޭގެ ބައިވެރިވުން ކުޑަކަމަށް ވިދާޅުވެ، ނަޝީދުގެ އޮފީހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، ވިހަ ގޭސްތައް މަދުކުރާ ނިސްބަތަކީ 10 ޕަސެންޓް ނަމަ، 2030 އަންނަންވާ އިރަށް ރާއްޖެ އިން ޖައްވަށް ބޭރުކުރާ ގޭސްތައް 300 ޕަސެންޓަށް އިތުރުވާނެ ކަމަށެވެ.

ރައްޔިތުންނާ މެދު އަޅާނުލާ ގައުމުތަކުގެ ވެރިން، ދުނިޔެ ރައްކާތެރިކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ގަބޫލު ނުކުރުމަށް ވެސް ނަޝީދުގެ ބަޔާނުގައި ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.

"މޫސުމަށް އަންނަ ބަދަލުތަކާއި ޑިމޮކްރަސީއާ ވަނީ ގުޅިލާމެހިފައި. ގައުމުގެ ވެރިން އެގައުމުގެ ރައްޔިތުންނާ މެދު އަޅާނުލާ ނަމަ، އެ ބޭފުޅުން ދުނިޔެ ރައްކާތެރިކުރަން އެހީވާނެ ކަމަށް ގަބޫލުނުކުރޭ،" ނަޝީދު ވިދާޅުވި ކަމަށް އެ ބަޔާނުގައި ބުންޏެވެ.

ނަޝީދު ދެކިވަޑައިގަންނަވާ ގޮތުގައި ކުދި ޖަޒީރާގައުމުތަކުގެ އިއްތިހާދު، އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އެއޯސިސް)ގެ ރިޔާސަތު ބަލަހައްޓަން ރާއްޖެ އެކަށީގެނެއް ނުވެ އެވެ. އެ ބަޔާނުގައި ބުނީ އެއޯސިސްގެ އިސްފަރާތަކަށް ވާން ޖެހޭނީ މޫސުމަށް އަންނަ ބަދަލުތަކަށާއި ޑިމޮކްރަސީ އަށް ވެސް އިސްކަަންދޭ ގައުމެއްް ކަމަށެވެ.

ރައީސް ނަޝީދުގެ ބަޔާނުގައި ގޮވާލައްވާފައި ވަނީ ގައުމުތަކުން 100 ޕަސެންޓް "ޑީކާބަނައިޒޭޝަން ޕްރޮގްރާމް"ތައް ފެށުން އަވަސް ކުރަން ޖެހޭ ކަމަށެވެ. އަދި މިހާރު ކޮޕް21ގައި ބައިވެރިވާ ހުރިހާ ގައުމުތަކުން ގްރީންހައުސް ގޭސް ޖައްވަށް ދޫކުރުން މަދުކުރުމަށް ހުށަހަޅާފައިވާ މިންވަރުން ދުނިޔޭގެ ހޫނުމިން 2.7 ޑިގްރީސެލްޝިއަސްއަށް އިތުރުވާނެ ކަން ނަޝީދު ވަނީ ފާހަގަ ކުރައްވައިފަ އެވެ.

ސައިންޓިސްޓުން ބުނާ ގޮތުގައި ދުނިޔެ ހޫނުވާން ޖެހޭ އެންމެ މަތީ މިންވަރަކީ 1.5 ޑިގްރީ ސެލްޝިއަސް އެވެ.

ނަޝީދު ވަނީ އެމްނެސްޓީ އިންޓަނޭޝަނަލްއާއި ގްރީންޕީސް އިންޓަނޭޝަނަލް ގުޅިގެން ނެރެފައިވާ ބަޔާނަށް މަރުހަބާ ވިދާޅުވެފަ އެވެ. އެބަޔާނުގައި، އެ ޖަމާއަތްތަކުން ބުނެފައިވާ ގޮތަށް މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ބައިނަލްއަގުވާމީ ގޮތުން ދިމާވެދާނެ އިންސާނީ ހައްގުތަކާ ބެހޭ މައްސަލަތައް ކުޑަކުރުމަށް އިޔާދަ ކުރުވަނިވި ހަކަތަ ބޭނުން ކުރުން އިތުރު ކުރުމަށް ނަޝީދު ގޮވާލެއްވި އެވެ.

ދެހާސް ވިހި ވަނަ އަހަރު އަންނަންވާ އިރަށް ރާއްޖެއަކީ ކާބަން ނިއުޓްރަލް ގައުމަކަށް ހެދުމަށް ނަޝީދުގެ ވެރިކަމުގައި އަމާޒު ހިފި ކަމަށެވެ. ނަމަވެސް ނަޝީދުގެ ބަޔާނުގައި ބުނީ ރައީސް ޔާމީންގެ ވެރިކަމުގައި އެ އަމާޒު އުވާލާފައިވާ ކަމަށެވެ.