10 Dec 2015, 11:27
ިމިއަހަރުގެ މިހާތަނަށް، އިންސާނީ ހައްގުތައް ނިގުޅައިގަނެފައިވާ ކަމަށް ބުނެ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސްއަށް 529 ޝަކުވާ ހުށަހަޅާފައިވާ ކަމަށް އެކޮމިޝަނުން ބުނެފި އެވެ.
ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރަމުންދާ އިންސާނީ ހައްގުތަކުގެ ދުވަހާ ގުޅިގެން އެޗްއާރުސީއެމުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިއަހަރުގެ މިހާތަނަށް ގިނަ މައްސަލަތަކެއް އެކޮމިޝަނަށް ހުށަހަޅާފައިވާ އިރު އޭގެތެރޭގައި އެންމެ ގިނައީ އިޖުތިމާއީ އަދި އިގްތިސާދީ ހައްގުތައް ގެއްލިގެން ހުށަހަޅާފައިވާ މައްސަލަތައް ކަމަށެވެ.
މިއަހަރު އެޗްއާރުސީއެމަށް ހުށަހެޅުނު މައްސަލަތައް
- ކުޑަކުދިންނާއި ޅަފުރައިގެ ކުދިންނާއި ގުޅުން ހުރި މައްސަލަތައް
- އުމުރުން ދުވަސްވީ މީހުންނާއި ހާއްސައެހީއަށް ބޭނުންވާ މީހުންގެ މައްސަލަތައް
- ލާއިންސާނީ އަދަބު ދިނުމާ ގުޅޭ މައްސަލަތައް
- އަދުލުވެރިކަމާއެކު އިދާރީ ފިޔަވަޅުތައް އަޅާފައިނުވުމުގެ މައްސަލަތައް
- ވަޒީފާއާ ގުޅުން ހުރި މައްސަލަތައް
މިއަހަރުގެ މިހާތަނަށް ހުށަހެޅިފައިވާ އިތުރު މައްސަލަތަކުގެ ތެރޭގައި ގޯތިގެދޮރުގެ މައްސަލަތަކާއި، ސިއްހީ ދާއިރާގެ މައްސަލަތަކާއި، އަންހެނުންނަށް ކުރާ ނޭދެވޭ ތަފާތުކުރުންތަކާއި، އަނިޔާއާ ގުޅުން ހުރި މައްސަލަތަކާއި، ޝަރުއީ ދާއިރާއާ ގުޅުންހުރި މައްސަލަތަކާއި އަދި، އުނގެނުމުގެ ހައްގުން މަހުރޫމުކުރުމާއި ގުޅުންހުރި ތަފާތު މައްސަލަތައްވެސް ހިމެނޭ ކަމަށް އެޗްއާރުސީއެމްގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

މިއަދަކީ އިންސާނީ ހައްގުތަކުގެ ދުވަސް، އެޗުއާރުސީއެމްގެ ބަޔާނުގައި ބިދޭސީންގެ އިންސާނީ ހައްގުތަކުގެ ވާހަކަ ފާހަގަކޮށްފައެއް ނުވޭ -- ސަންފޮޓޯ އަލީ ނަސީރު
ވޭތުވެ ދިޔައަހާރާއި މިއަހަހަރުގެ މިހާތަނަށް އެޗްއާރުސީއެމުން ކުރި މަސައްކަތްތަކެއް ގޮތުގައި އެޗްއާރުސީއެމުން ވަނީ ގިނަ ކަންކަން ފާހަގަކޮށްފަ އެވެ. އެގޮތުން މިނިވަންކަން ގެއްލޭ ގޮތަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންގެ އިންސާނީ ހައްގުތަކުގެ ހާލަތު ދެނެގަތުމަށްޓަކައި ހިއުމަން ރައިޓްސް ކޮމިޝަންގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްގެ ފަރާތުން މި އަހަރު ގެ މިހާތަނަށް 11 މޮނީޓަރިންގ ޒިޔާރަތެއް ކޮށްފައިވާނެ ކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ.
އެޗްއާރުސީއެމުން ޒިޔާރަތް ކުރި ތަންތަމުގެ ގޮތުގައި ބަޔާނުގައި ފާހަގަކޮށްފައި ވަނީ ކުޑަކުދިންގެ ހިޔާ، ތައުލީމާއި މަސައްކަތްތެރިކަން އުނގަންނައިދޭ ކުޑަކުދިންގެ މަރުކަޒު، ޖަލުތައް، ރިހެބިލިޓޭޝަން ސެންޓަރުތައް، ޕޮލިސް ސްޓޭޝަންތައް އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒެވެ.
އިންސާނީ ޙައްޤުތަކާ ޒިންމާތަކަށް މުޖުތަމައު އަހުލުވެރިކޮށް، ހޭލުންތެރިކުރުމަށް ނޫސްވެރިންނާއި، މަދަނީ ޖަމިއްޔާތަކުން ކުރަމުންދާ މަސައްކަތް މިހާރަށް ވުރެ ފުޅާކުރަން ޖެހޭކަމަށް ބަޔާނުގައި ބުނެފައިވެ އެވެ. އަދި އެފަދަ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކާއެކު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ވެސް އެޗްއާރުސީއެމްގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
މިއަހަރުގެ އިންސާނީ ހައްގުތަކުގެ ދުވަހުގެ ޝިއާރަކީ "އަހަރުމެންގެ ހައްގުތައް. އަހަރުމެންގެ މިނިވަންކަން. އަބަދުވެސް." އެވެ.