ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި އެޑްމިޓްކޮށްފައި އޮތް ހާލު ބޮޑު ބަލިމީހެއް ބަލާ ދިޔަ މޯލްޑިވިއަން ފްލައިޓެއްގައި ސްޓްރެޗަރު ނެތިގެން ބަލިމީހާ އަލުން އެރަށު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި އެވެ.

ހާލު ބޮޑުކަމުން ތިނަދޫ ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި އެޑްމިޓްކޮށްފައި ވަނީ އުމުރުން 81 އަހަރުގެ ފިރިހެނެކެވެ.

އެމީހާގެ ދަރިފުޅު ސަން އަށް ކިޔާދެމުން ބުނީ އެ މީހުންނަކީ ކޮލަމާފުށީ ބައެއް ކަމަށާއި އެރަށުން ތިނަދޫ އަށް ބައްޕަ ގެންދިޔައީ ހާލުދެރަ ކަމުން މި މަހުގެ ދެ ވަނަ ދުވަހު ކަމަށެވެ.

އޭނާ ބުނީ ބައްޕައަކީ މަދަނައިގެ ދަށުން ސިއްހީ ހިދުމަތް ހޯދަމުން އަންނަ މީހެއް ކަމަށާއި ނަމަވެސް މިއަދު ބައްޕަ މާލެ ނުގެންދެވުނީ މޯލްޑިވިއަންގެ ފްލައިޓް ދިޔައިރު އޭގައި ބަލި މީހުން އުފުލާ ސްޓްރެޗަރެއް ނެތް ކަމަށް ބުނުމާ ގުޅިގެން ކަމަށެވެ.

"މަދަނައިގެ ދަށުން ބައްޕަ މާލެ ގެނައުމުގެ ހުރިހާ ކަމެއް ވަނީ ކޮށްފައި. ނަމަވެސް ފްލައިޓުގައި ސްޓްރެޗަރު ނެތް ކަމަށް ބުނުމުން ބައްޕަ ގެންދެވޭ ގޮތް ނުވި،" އޭނާ ބުންޏެވެ.

ތިނަދޫ ހޮސްޕިޓަލްގެ ޑެޕިއުޓީ މެނޭޖަރު ޖީޒާ ހަސަން ވިދާޅުވީ އެމީހާ މާލެ ގެންދިއުމުގެ ހުރިހާ މަސައްކަތެއް ހޮސްޕިޓަލުން ކޮށްފައި ވަނީ މަދަނައިގެ ދަށުން އައިލެންޑް އޭވިއޭޝަނަށް "މެޑިފޯމް" ފޮނުވައިގެން ކަމަށެވެ. އެފޯމުގައި ބަލި މީހާގެ ސިއްހީ ހާލަތް ވަރަށް ތަފްސީލްކޮށް ބަޔާންކޮށްފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އެއީ މެޑިފޯމްގެ މައްސަލައެއް ނޫން. ފޯމްގައި ވަރަށް ތަފްސީލްކޮށް ބަލިމީހާގެ ހާލަތު ބަޔާންކޮށްދީފައި ވާނެ. އެހެންވެ ސްޓްރެޗަރެއް ބޭނުންވާކަން ވެސް އެނގޭނެ،" ޖީޒާ ވިދާޅުވި އެވެ.

ޒީޖާ ވިދާޅުވީ މިއަދު ބަލިމީހާ މިއަދު 6:00 އެހާކަންހާއިރު އަލުން މާލެ ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިކަމާ ގުޅިގެން އައިލެންޑް އޭވިއޭޝަންގެ މީޑިއާ އޮފިޝަލްއާ ގުޅުމުން ފޯނަށް ޖަވާބު ނުދެއްވުމާ ގުޅިގެން އަދި ވަނީ އެފަރާތުގެ ބަހެއް ލިބޭ ގޮތް ނުވެފަ އެވެ.