އެތައް މިލިޔަން މީހުންގެ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނަގައިލެވިފައިވާ ކަމަށާއި ޑިމޮކްރަސީގެ އުސޫލުތައް ދިފާއުކޮށް، ހިމާޔަތް ކުރުމަކީ ދެމިގެންވާ ގޮތެއްގައި ހަމަޖެހުން ގާއިމްކުރުމަށް ކޮންމެހެން މުހިއްމު ކަމެއް ކަމަށް ޔުނައިޓެޑް ނޭޝަންސް (ޔޫއެން) އިން ބުނެފިއެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ދުވަހާ ގުޅިގެން ޔޫއެންގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫން އާއްމުކުރެއްވި މެސެޖެއްގައި ވިދާޅުވެފައި ވަނީ ސިވިލް ސޮސައިޓީތައް ވެސް ހިމާޔަތް ކުރަން ޖެހޭ ކަމަށެވެ.

"...ހިޔާލުފާޅުކުރުމުގެ މިނިވަންކަން އެތައް މިލިޔަން ބަޔަކަށް ވަނީ ނަގައިލެވިފައި. އަދި އެ މިނިވަންކަން އޮތީ ނުރައްކަލުގެ ތެރޭގައި. ޑިމޮކްރަސީގެ ގޮތްތަކާއި ސިވިލް ސޮސައިޓީތައް އަހަރެމެން ދިފާއުކޮށް ހިމާޔަތް ކުރަން ޖެހޭ. ދެމިގެންވާ ހަމަޖެހުމަކަށް މިއީ ކޮންމެހެން ބޭނުންވާ ކަމެއް،" ބާންކީ މޫންގެ މެސެޖްގައި ވިދާޅުވެފައިވެ އެވެ.

އިންސާނަކު އުފަންވީއްސުރެ، އިންސާނީ ހައްގެއްގެ ގޮތުގައި ލިބިދޭން ޖެހޭ ކަމަށް ބައިނަލް އަގުވާމީ ގޮތުން ގަބޫލުކުރާ ހަތަރު މިނިވަން ކަމެއް މިހާރު އޮތް ހާލަތާ ބެހޭ ގޮތުން ބާންގެ މެސެޖްގައި ތަފުސީލުކޮށް ވާހަކަދައްކަވާފައި ވެއެވެ.

ބިރުން މިނިވަން ވެފައި ވުމުގެ ހައްގާ ބެހޭ ގޮތުން ބާން ވިދާޅުވެފައި ވަނީ އެ މިނިވަންކަން ނެތުމުގެ ސަބަބުން އެތައް ބަޔަކު ރެފިއުޖީންނަށް އަދި އަމިއްލަ ވަޒަނުގައި ގެދޮރު ގެއްލިފައިވާ މީހުންނަށް ވެފައިވާ ކަމަށެވެ.

"...ހިމާޔަތް ހޯދުމުގެ ހައްގު އަހަރެމެން އެންމެނަށް ވެސް ކަށަވަރުކޮށްދޭން ޖެހޭނެ،" ރެފިއުޖީންނަށް ޓަކައި ދޮރުތައް ބަންދު ނުކުރުމަށް ގޮވައިލައްވަމުން ބާން ވިދާޅުވެފައި ވެއެވެ.

މިއަހަރުގެ އިންސާނީ ހައްގުތަކުގެ ދުވަހުގެ ޝިއާއަރީ " އަހަރެމެންގެ ހައްގުތައް އަހަރެެމެންގެ މިނިވަންކަން، އަބަދުވެސް" އެވެ.