10 Dec 2015, 11:31
ތިމާވެށްޓާ ގުޅޭ އެކި ދާއިރާތަކުން ރާއްޖެ އަށް އެހީތެރިވުމަށް އިޓަލީން ރާއްޖެއަށް ހަތަރު މިލިއަން ޔޫރޯގެ ފައިސާގެ އެހީއެއް ދިނުމަށް ނިންމައިފި އެވެ.
ޕެރިހުގައި ކުރިއަށްދާ ކޮޕް 21ގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެހީ ދިނުމަށް ނިންމި ކަމުގެ އެއްބަސްވުމުގައި ސޮއި ކުރައްވާފައި ވަނީ އެންވަޔަރަމެންޓް މިނިސްޓަރު ތާރިގު އިބްރާހިމެވެ. އަދި އިޓަލީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރައްވާފައި ވަނީ މިނިސްޓަރީ ފޯ ދަ އެންވަޔަރަންމެންޓް ލޭންޑް އެންޑް ސީގެ ޑިރެކްޓަރު ޖެނެރަލް ޑރ. ފްރާންސެސްކޯ ލަ ކަމޭރާ އެވެ.
އެ އެއްބަސްވުމުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް މަސައްކަތްކުރުމާއި ތިމާވެށްޓާއި ގުދުރަތީ ވަސީލަތްތައް ހިމާޔަތްކުރުމަށް މަސައްކަތްކުރުން އަދި ސާފު ހަކަތަ އުފެއްދުން ޕްރޮމޯޓްކުރުން ހިމެނޭ ކަމަށް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.
އެއެއްބަސްވުމުގެ ދަށުން ކުރަން ނިންމާފައިވާ ބައެއް ކަންތަކުގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދަނޑުވެރިކަމާއި ފަތުރުވެރިކަމާއި ސިއްހަތަށް އަންނަ ބަދަލުދެނެގަތުމަށް ދިރާސާކުރާނެ ކަމަށް މިނިސްޓްރީ އިން ބުންޏެވެ. އޭގެ އިތުރުން ޑިޒާސްޓާ މެނޭޖްމެންޓް އާއި ރަށްރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި ކުނި ނައްތާލުމަށްވެސް މަސައްކަތް ކުރާނެ ކަމަށް އެ އެއްބަސްވުމުގައި ވަނީ ބުނެފައެވެ.
އެއްބަސްވުމާ ބެހޭގޮތުން ތާރިގު ވިދާޅުވީ އެ އެހީގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުކުޑަކުރުމަށާއި ތިމާވެށި ހިމާޔަތްކުރުމަށް މުހިއްމު މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.