10 Dec 2015, 11:06
މެލޭޝިއާގެ ވެރިކަން ކުރާ ޕާޓީ ދަ ޔުނައިޓެޑް މެލޭސް ނޭޝަނަލް އޯގަނައިޒޭޝަން (އަމްނޯ)ގެ އަހަރީ އާންމު ޖަލްސާ ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ ގޮތުން ޕީޕީއެމްގެ ނައިބު ރައީސް އަބްދުލްރަހީމް އަބްދުﷲ އާއި އެޕާޓީގެ ސްޕޯކްޕާސަން އަލީ އާރިފް އެ ގައުމަށް ފުރާވަޑައިގެންފި އެވެ.
ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމް އިން އިއްޔެ ބުނީ މެލޭޝިއާގެ ވެރިކަން ކުރާ ޕާޓީގެ އަހަރީ އާއްމު ޖަލްސާ ފެށުމުގެ ރަސްމިއްޔާތުގައި އަބްދުރަހީމާއި އަލީ އާރިފް ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
ޕީޕީއެމް އިން ބުނީ އަމްނޯގެ އަހަރީ އާއްމު ޖަލްސާގައި އެ ދެ ބޭފުޅުން ބައިވެރިވެވަޑައިގަތުމުގެ އިތުރުން އަމްނޯގެ އިސްވެރިންނާ ވެސް ބައްދަލު ކުރައްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
ޕީޕީއެމް އިން ބުނީ އެ ބައްދަލުވުންތަކުގައި ދެ ޕާޓީގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާ ކުރުމާ މެދު އެއްޕާޓީން އަނެއް ޕާޓީއަށް ފޯރުކޮށްދެއްވެން ހުރި އެހީތަކާ މެދު ވެސް މަޝްވަރާ ކުރާނެ ކަމަށެވެ.