ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ ރާއްޖޭގެ ރައްޔިތުންގެ ހައްގުތަކަށް އަރައިގެންފައި ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފި އެވެ.

ބައިނަލް އަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ ދުވަހާ ގުޅިގެން އެ ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގެ ރައްޔިތުންގެ ހައްގުތަކަށް ރައީސް ޔާމީނާއި އެމަނިކުފާނުގެ ސަރުކާރުން އަރައިގެންފައިވާ އިރު މުޅި ރާއްޖެ އެންމެ ފުންމިނަށް ގަންބާލައިފައިވާކަން މުޅި ދުނިޔެއަށް މިއަދު ހާމަވެފައިވާ ކަމަށެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ ރާއްޖޭގެ ރައްޔިތުންގެ ހަށިފުރާނައިގެ ރައްކާތެރިކަން ގެއްލިފައިވާ ކަމަށެވެ. އެގޮތުން ވަޒީފާ އިން ވަކިކުރުމުގެ ބިރުދެއްކުމާއި ވިޔަފާރިތައް ބަނގުރޫޓު ކުރުމުގެ ބިރު ދެއްކުން އިންތިހާއަށް މައްޗަށް ގޮސްފައިވާ އިރު ސަރުކާރާއި ދައުލަތުގެ މުވައްސަސާތަކުގެ ތެރޭގައި ކޮރަޕްޝަނާއި ފަސާދަ ބޮޑުވެ ހައްދުފަހަނާޅާ ގޮސްފައިވާ ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.

"ސައްޙަ އިންތިޚާބުތައް ކޯޓު މެދުވެރިކޮށް ބާތިލުކޮށް ވޯޓުގެ ޙައްގު ރައްޔިތުންގެ ކިބައިން ނިގުޅައިގަތްގަތުމުން ފެށިގެން ސުލްޙަވެރި ސިޔާސީ ޙަރަކާތްތައް ހިންގުމުގެ މިނިވަންކަމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އެއްވެއުޅުމާއި ހަޅުތާލުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ އިތުރުން މާތް ކަލާންގެއަށް ދުޢާ ދެންނެވުމުގެ މިނިވަންކަމަށް ވެސް ސަރުކާރުންނާއި ދައުލަތުގެ މުއައްސަސާތަކުން ފާޅުގައި އަރައިގަންނަމުންދާކަން ފާހަގަކުރަމެވެ. އަދި މިފަދައިން ރައްޔިތުންގެ ޙައްގުތަކާއި މިނިވަންކަމަށް އަރައިގަންނަމުންދަނީ އިންތިޒާމުވެ، ރޭވިގެން ހިންގާ ޚުދުމުހުތާރު ނިޒާމެއްގެ ތެރެއިންކަން ފާހަގަކުރަމެވެ." ބަޔާނުގައިވެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ 13 އަހަރު ދުވަހުގެ ޖަލު ހުކުމާ ގުޅޭ ގޮތުން އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވަނީ ނަޝީދުގެ ޝަރީއަތަކީ ރާއްޖޭގެ ގާނޫނު އަސާސީއާ ބައިނަލްއަގުވާމީ ގާާނޫނުތަކާ ކަނޑައެޅިގެން ހިިލާފަށް ހިންގި ބޭއިންސާފު ޝަރީއަތެއް ކަމަށް އދ.ގެ ވާކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުން ނިންމާފައިވާ ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ވަނީ ބުނެފަ އެވެ. އަދި ބުނެފައި ވަނީ އެކަމުން އެނގެނީ ރައީސް ޔާމިންގެ ސަރުކާރު ބިނާވެގެންވަނީ އިންސާނީ ހައްގުތަކާއި ގާނޫނުތަކުގެ އިތުރުން ބައިނަލްއަގުވާމީ ގާނޫނުތަކަށް އިހްތިރާމް ނުކުރާކަން ކަމަށެވެ.