10 Dec 2015, 09:59
އައްޑޫ ސިޓީގެ ހޮސްޕިޓަލް ތަރައްގީ ކުރުމަށް 20 މިލިއަން ޑޮލަރު (308.4 މިލިއަން ރުފިޔާ)ގެ ލޯނެއް ނެގުމަށް ސަރުކާރުން ނިންމައިފި އެވެ.
އިކޮނޮމިކް ކައުންސިލުން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް ކައުންސިލްގެ މެމްބަރު އަދި ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވީ އައްޑޫ ސިޓީގެ ހޮސްޕިޓަލްގެ ހިދުމަތްތައް ތަރައްގީ ކުރުމަށް ދެ ފަންޑަކުން ލޯނު ނެގުމަށް ނިންމާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ދެ ފަންޑަކުން ލޯނު ނެގުމަށް ނިންމާފައި ވަނީ. އެއީ ސައުދީ ފަންޑުން 12 މިލިއަން ޑޮލަރު. އަދި ބާކީ ލޯނު ނެގުމަށް ހަމަޖައްސާފައި ވަނީ އޯޕެކް ފަންޑުން،" ޖިހާދު ވިދާޅުވި އެވެ.
ޖިހާދު ވިދާޅުވީ އެ ލޯނަށް ނަގާނީ ވަރަށް ކުޑަ އިންޓްރެސްޓެއް ކަމަށެވެ. އެއީ ދެ ޕަސެންޓުގެ އިންޓްރެސްޓެއް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
މިއަދު އިކޮނޮމިކް ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވާހަކަފުޅު ދައްކަވަނީ--- ފޮޓޯ: އަލީ ނަސީރު
އެރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކައުންސިލްގެ ކޯ ޗެއާ އަދި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ އައްޑޫ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ އައްޑޫގެ ރައްޔިތުންނަށް ހޮސްޕިޓަލުން ލިބެން ޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ.
އެގޮތުން މުޅިން އާ ހޮސްޕިޓަލެއް އަޅައިގެން ހިދުމަތް ދިނުމުގައި ހޭދަވާ ހަރަދު ބޮޑުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އާ ހޮސްޕިޓަލެއް އަޅައިގެން ހިދުމަތް ދިނުމަށްވުރެ އިސްކަން ދެނީ ދޭން ޖެހޭ ހިދުމަތްތައް ރަނގަޅު ކުރުން. އެހެން ކަމުން އަޅުގަނޑުމެންގެ ވިސްނުމަކީ މިހާރު ހުރި ފެސިލިޓީސްތަކަށް އާ ހިދުމަތްތަކެއް ތައާރަފުކޮށް އިތުރަށް ފުޅާ ކުރުމަށް،" ޝައިނީ ވިދާޅުވި އެވެ.
އެ މަސައްކަތްތައް މިއަހަރު ފަށަން ބޭނުންވާ ކަމަށް ޝައިނީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހޮސްޕިޓަލަށް ހިދުމަތްތައް އާ ކުރަން ނިންމި ކަމުގައި ވިނަމަވެސް އާ ހޮސްޕިޓަލެއް ނޭޅުމަކީ އަމާޒު ނޫން ކަމަށެވެ.