ކެމްބްރިޖް އޯ ލެވެލް އިމްތިހާނުގެ ހިސާބު ޕޭޕަރު މިލަންދޫ ސްކޫލްގެ ދަރިވަރުން ކޮޕީކުރުމުން މުޅި ސްކޫލަށް ހިސާބުން "ސުމެއް" ދިނުމަށް ކެމްބްރިޖުން ނިންމި މައްސަލާގައި އިހުމާލުވެފައިވާ ފަރާތްތައް ހޯދަން ހިންގާ ތަހުގީގުގައި އެ ސުކޫލުގެ އިތުރު ދެ ޓީޗަރަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މިލަންދޫ ސްކޫލް ދަރިވަރުން ހިސާބު ޕޭޕަރު ކޮޕީކޮށްފައިވާ ކަމަށް ބުނާ މައްސަލައިގައި މިދިޔަ ބުރާސްފަތި ދުވަހު ވެސް ފުލުހުން ވަނީ އިންވިޖިލޭޓަރަކު ހައްޔަރުކޮށްފަ އެވެ. އަދި އޭގެ ފަހުން ހުކުރު ވިލޭރޭ ވެސް އިންވިޖިލޭޓަރުންގެ ގޮތުގައި ހިސާބު ޕޭޕަރު ހެދި ވަގުތު ހަރަކާތްތެރިވި އެ ސުކޫލުގެ ދެ ޓީޗަރަކު ހައްޔަރުކޮށްފައިވާ ކަމަށް މީޑިޔާ އޮފިޝަލް ސަބް އިންސްޕެކްޓާ އަހުމަދު ޝިޔާމް މިއަދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ތަހުގީގުން ލިބޭ ކުރިއެރުންތަކަށްފަހު، ހޯލު ބަލަހައްޓަން އުޅުނު އިތުރު ދެ ޓީޗަރަކު ހައްޔަރު ކުރީ. އަދިވެސް ތަހުގީގު ދަނީ ކުރިއަށް،" ޝިޔާމް ވިދާޅުވި އެވެ.

ށ. އަތޮޅު ކައުންސިލްގައި ހިމެނޭ މިލަންދޫ ދާއިރާގެ މެމްބަރު އަހްމަދު ފިރާގު މިއަދު ވިދާޅުވީ އެ މައްސަލައިގާ ހުކުރު ވިލޭރޭ ހައްޔަރުކޮށްފައި ވަނީ ހިސާބު ޕޭޕަރު ހެދިއިރު، އިންވިޖިލޭޓަރެއްގެ ގޮތުގައި ހަރަކާތްތެރިވި އެ ސްކޫލްގެ ގްރެޖްއޭޓް ލީޑިން ޓީޗަރު މުހައްމަދު ނާޒިމް އަދި މިލަންދޫ ސްކޫލުގެ ގްރެޖުއޭޓް ލީޑިން ޓީޗަރު އަބްދުއްލަތީފު ކަމަށެވެ.

ސީރިއަސް އެ ތަހުގީގާ ކުޅިގެން ސިވިލް ސާވިސް ކޮމިޝަން [ސީއެސްސީން] ވެސް ވަނީ މި މައްސަލައިގާ މި ހާތަނަށް ހައްޔަރުކޮށްފައިވާ ތިން މީހުން ވެސް ވަޒީފާ އިން ސަސްޕެންޑްކޮށްފަ އެވެ.
މިލަންދޫ ސްކޫލް މައްސަލައާ ގުޅޭ ގޮތުން އިސްކަންދަރު ބިލްޑިންގައި ބުރާސްފަތި ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް މުހައްމަދު ޖަމްޝީދު ވިދާޅުވެފައި ވަނީ، މިހާތަނަށް އެނގިފައިވާ ގޮތުގައި ހިސާބު ޕޭޕަރުގެ އެންމެ ފަހު ސުވާލުގެ ޖަވާބު ހުރިހާ ކުދިން ކޮޕީ ކޮށްފައިވާއިރު އިންވިޖިލޭޓަރުންގެ އެހީތެރިކަން ލިބިފައިވާކަން ފާހަގަ ކުރެވޭ ކަމަށެވެ. އަދި އިންވިޖިލޭޓަރު ހުރިހާ ކުދިންނަށް އެއް ޖަވާބެއް ކިޔައިދީފައިވާ ކަން ތަހުގީގަށް އެނގޭ ކަމަށް ވެސް ޖަމްޝީދު ވަނީ ވިދާޅުވެފަ އެވެ.