ބޭންކް އޮފް މޯލްޑިވްސް އަށް 15 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކޮށްދެއްވި ފަރާތްތަކުގެ އަގުވަޒަންކޮށް އެ ފަރާތްތަކަށް ލޯންގް ސާވިސް އެވޯޑު ދީފި އެވެ.

އެވޯޑު ދިނުމަށް ރޭ ބީއެމްއެލް ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ފަރާތްތަކާ އެވޯޑު ހަވާލުކޮށްދެއްވީ އެ ބޭންކުންގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރު އެންޑްރޫ ހީލީ އެވެ.

އެންޑްރޫ ހަވާލާދީ ބޭންކުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ އެވޯޑު ހާސިލް ކުރި ފަރާތްތަކުގެ ހަޔާތުގެ ބޮޑު ބައެއް އެ ބޭންކަށް ހިދުމަތް ކުރުމުގައި ހޭދަކޮށްފައިވާތީ އެކަން ފާހަގަ ކުރައްވާ ކަމަށެވެ.

"ތިޔަ ބޭފުޅުން ކޮށްދެއްވާފައިވާ ބުރަ މަސައްކަތުގެ އަގުވަޒަންކޮށް އެކަން ފާހަގަކުރެވިގެންދާކަމީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ތިޔަ ބޭފުޅުންގެ ހަޔާތުން ވަރަށް ދިގު މުއްދަތެއް ވަނީ ބޭންކަށާއި ބޭންކުގެ ކަސްޓަމަރުންނަށް އިހުލާސްތެރިކަމާ އެކު ހިދުމަތް ކޮށްދެއްވާފައި،" އެންޑްރޫ ވިދާޅުވި އެވެ.

އަދި އެކަމަށް ޓަކައި އޭނާ ވަނީ އެ ފަރާތްތަކަށް ޝުކުރު ވެސް އަދާކުރައްވައިފަ އެވެ.

ރޭގެ ރަސްމިއްޔާތުގެ އެ ބޭންކުގެ 27 ބޭފުޅަކަށް ވަނީ ލޯންގް ސާވިސް އެވޯޑްދީފަ އެވެ.

ކުރިއަށް އޮތް ތާނގައި ކޮންމެ އަހަރަކު ވެސް އެ އެވޯޑް ދިނުމަށް ނިންމާފައިވާ ކަމަށް ބީއެމްއެލް އިން ބުންޏެވެ.