ދިވެހި މަސްވެރިޔަކު މިދިޔަ މަހު ރާއްޖެއިން އަލަށް ބޭނި، އަދި ދުނިޔެއިން ވެސް މަދުން ނޫނީ ފެނިފައި ނުވާ ވައްތަރުގެ މަހަށް "އަސުރުމާ ބުރެކި" ނަމުން ނަން ދީފި އެވެ.

އިނގިރޭސީ ބަހުން "މެގަންތިއަސް ފިލިފެރަސް"ގެ ނަން ދީފައިވާ މަހަށް ދިވެހި ނަމެއްގެ ގޮތުގައި "އަސުރުމާ ބުރެކި" ނަން ދިނީ މަހުގެ ކުލަ އާއި މަހުގެ ސައިންޓިފިކް ނަމާއި އާއިލާއަށް ނިސްބަތްކޮށްގެން ކަމަށް މެރިން ރިސާޗު ސެންޓަރުން ބުންޏެވެ.

އެ ސެންޓަރުން ބުނީ އެ މަހުގެ ދިވެހި ނަމަކަށް 'އަސުރުމާ' ކިޔުމަށް ނިންމީ މަހުގެ ކުލަ އާއި ގުޅުވާފަ އެވެ. 'އަސުރުމާ' ލަފްޒުގައި 'މާ' އިނުމުން އެ މަހުގެ ޖީނަސް ނަން ކަމަށްވާ "މެގަންތިއަސް"ގެ "މެގަ" ނަމާ ގުޅުވޭނެ ކަމަށާއި މަހުގެ ނަމުގައިވާ 'ބުރަކި' ނިސްބަތްކޮށްފައި އެވަނީ މަހުގެ އާއިލާއަށް ކަމަށް މެރިން ރިސާޗު ސެންޓަރުން ބުންޏެވެ.

މަސް ބޭނި އަބްދުﷲ މޫސާ: އެއީ ދުނިޔެއިން ފެނުނު އެ ބާވަތުގެ ތިން ވަނަ މަސް-- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

"ދޮންބުރަކީ"ގެ އާއިލާގެ އެ މަސް ބޭނީ ކ. ގާފަރު ކަނޑުއޮޅީގެ 200 މީޓަރެއްހާ ބޭރުން 500 މީޓަރުހާ އަޑިންނެވެ. ރ. ރަސްގެތީމު، ދޯދިލަ، އަބްދުﷲ މޫސާ އެ މަސް ބޭނީ މިދިޔަ މަހުގެ ދެ ވަނަ ދުވަހު އެވެ.

ފަރުމަސް ބޭނުމަށްފަހު ރިސޯޓަށް މަސް ވިއްކުމަށް ދިއުމުން އެ ރިސޯޓުގެ ފަތުރުވެރިއަކު އެ މަސް ބޮޑު އަގުގައި ގަތުމަށް ހުށަހެޅި އެވެ. ނަމަވެސް އޭނާ އެ މަސް ނުވިއްކައި ގެނައީ މާލެއަށެވެ.

"ރާއްޖެއިން ނުފެން މަހެއް މަސްވެރިއަކު ބާނާފައިވާކަން މެރިން ރިސާރޗް ސެންޓަރުގެ ސަމާލުކަމަށް ގެނެސްދެއްވީ އަބްދުﷲ މޫސާގެ އެދިލެއްވުމުގެ މަތިން ކޯސްޓް ގާޑްގައި މަސައްކަތް ކުރައްވާ އޭނާގެ ރަހަމަތްތެރިއެކެވެ. މި މައުލޫމާތު ލިބުމުން މެރިން ރިސާރޗް ސެންޓަރުގެ މުވައްޒަފުން މާލޭ މަސްރުކޭޓަށް ގޮސް އަބްދުﷲ މޫސާއާ ބައްދަލުކޮށް މަހުގެ ފޮޓޯނަގައި އިތުރު މައުލޫމާތު ސާފުކުރިއެވެ. މެރިން ރިސާޗް ސެންޓަރުގެ އެދުމުގެ މަތިން އަބްދުﷲ މޫސާ ވަނީ މި މަސް މެރިން ރިސާޗް ސެންޓަރަށް ހަދިޔާކޮށްފަ އެވެ،" މެރިން ރިސާޗު ސެންޓަރުން ނެރުނު ބަޔާނެއްގައިވެ އެވެ.

ރާއްޖެއިން އަލަށް ބޭނި މަސް، ކުނިނުވާނެ ގޮތަށް ބާއްވާފައި ވަނީ މެރިން ރިސާޗު ސެންޓަރުގަ އެވެ.