ޔޫއެފާ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި ރޭ ޖަރުމަނުގެ ބަޔާ ލެވަކޫސަންއާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރުވި ނަމަވެސް ގްރޫޕް އީގެ އެއްވަނަ ޓީމުގެ ގޮތުގައި ސްޕެއިންގެ ގަދަބާރު ބާސެލޯނާ ދެ ވަނަ ބުރަށް ދަތުރުކޮށްފި އެވެ.

ބަޔާ ލެވަކޫސަންގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ބާސާއިންނެވެ. މެޗުގެ 20 ވަނަ މިނެޓުގައި މި ލަނޑު ބާސެލޯނާއަށް ކާމިޔާބު ކޮށްދިނީ ހުނަރުވެރި ފޯވާޑް ލިއޮނެލް މެސީއެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި ރޭ ޖަރުމަނުގެ ބަޔާ ލެވަކޫސަންއާ ދެކޮޅަށް ބާސާ ކުޅުނު މެޗްގައި ބާސާގެ ރަކިޓިކިޗް ބޮލުން ޖަހަނީ --- ފޮޓޯ:އޭޕީ

މެޗުގެ ފުރަތަމަ ލަނޑު ޖަހާ ބާސާ އިން މެޗުގެ ލީޑު ނެގި ނަމަވެސް އޭގެ ތިން މިނެޓު ފަހުން މެޗުގެ 23 ވަނަ މިނެޓުގައި ބަޔާ ލެވަކޫސަންއިން ވަނީ ލަނޑު ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ މެކްސިކޯ ފޯވާޑް ހާވިއާ ހެނާންޑޭޒް އެވެ.

ރޭގެ އެ ނަތީޖާއާއެކު އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ ގުރޫޕް އީގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދިޔައީ ކުޅުނު 6 މެޗުން ޖުމްލަ 14 ޕޮއިންޓް ލިބިގެންނެވެ.

ބަޔާ ލެވަކޫސަން މުބާރާތުން ކެޓީ ހަ ޕޮއިންޓުން އިޓަލީގެ ރޯމާއާ އެއްވަރުވެ ލަނޑުގެ ތަފާތުން ތިން ވަނަ އަށް ދިއުމުންނެވެ. މި ގުރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރުން ޖާގަހޯދީ 6 ޕޮއިންޓާ އެކު ގްރޫޕްގެ ދެވަނަގައި އޮތް އިޓަލީގެ ރޯމާއެވެ.