10 Dec 2015, 09:28
ލަންޑަން (ޑިސެމްބަރު 10): އިރާގާއި ސޫރިޔާގެ ބޮޑުބައެއްގައި ހަރަކާތްތެރިވާ ހަރުކަށި ޖަމާއަތެއްކަމަށްވާ އައިއެސް ޖަމާއަތަށް އާމްދަނީގެ ގޮތުގައި މަހެއްގެ މައްޗަށް 80 މިލިޔަން އެމެރިކާ ޑޮލަރު ޖެހޭ ކަމަށް ކަމާ ބެހޭ ދިރާސާ ރިޕޯޓެއް ބުނެފި އެވެ.
ލަންޑަންގައި މަރުކަޒުހުންނަ ބައިނަލްއަގްވާމީ ބޮޑެތި މައްސަލަތައް (ކޮންފްލިކްޓްތައް) ދިރާސާކުރާ އިންސްޓިޓިއުޓުން ނެރުނު ރިޕޯޓެއް ބުނާ ގޮތުން އައިއެސް ޖަމާއަތަށް އާމްދަނީގެ ގޮތުގައި މަހެއްގެ މައްޗަށް އެވްރެޖްކޮށް 80 މިލިޔަން އެމެރިކާ ޑޮލަރުޖެހެ އެވެ. މިގޮތުން ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 1.5 މިލިޔަން ޑޮލަރުގެ އާމްދަނީއެއް އެޖަމާއަތުން ހޯދާކަމަށްވެ އެވެ. މިއާމްދަނީ އެޖަމާއަތަށް ލިބެނީ އެޖަމާއަތުގެ ކޮންޓްރޯލްގެ ދަށުގައިވާ ސަރަހައްދުތަކުގެ އާންމު ރައްޔިތުންގެ އަތުން ނަގާ ޓެކްސްތަކުންނާއި އިރާގާއި ސޫރިޔާގެ ބައެއް މިލްކިއްޔާތު ބޭރުގެ ފަރާތްތަކަށް ޣައިރު ގާނޫނީ ގޮތުން ވިއްކައިގެންނާއި ސޫރިޔާގެ ތެޔޮ ވަގަށް ވިއްކައިގެންނެވެ.
އައިއެސްއަކީ ދުނިޔޭގައިވާ ޓެރަރިސްޓް ޖަމާއަތްތަކުގެ ތެރެއިން އެންމެ ބޮޑު އަދި އެންމެ މުއްސަނދި އަދި އެންމެ ބާރުގަދަ ޖަމާއަތެވެ. މިޖަމާއަތުން ވަގަށް ވިއްކާ ސޫރިޔާގެ ތެޔޮ ގަންނަ ފަރާތްތަކުގެ ތެރޭގައި ޔޫރަޕްގެ ކުންފުނިތަކާއި ތުރުކީގެ ކުންފުނިތަކުގެ އިތުރުން މެދު ތެރޭއޭޝިޔާގެ ގައުމުތަކުގެ ބައެއް ކުންފުނިތައް ވެސް ހިމެނޭކަމަށް ރިޕޯޓްތައް ބުނެ އެވެ.
ބައިނަލްއަގްވާމީ ބޮޑެތި މައްސަލަތައް ދިރާސާކުރާ އިންސްޓިޓިއުޓްގެ ރިޕޯޓް ބުނާ ގޮތުން އައިއެސްއާ ދެކޮޅަށް ހުޅަނގުގެ ގައުމުތަކާއި ރަޝިޔާ ދެމުންދެގެންދާ ހަމަލާތަކާ ގުޅިގެން އެޖަމާއަތަށް ލިބޭ އާމްދަނީގެ ބައެއް ފާއިތުވި ދެ މަސްތެރޭގައިވަނީ ދަށްވެފަ އެވެ. ނަމަވެސް ދަށްވީ ކިހާވަރެއްކަން މިރިޕޯޓްގައި ހާމަކޮށްފައެއް ނުވެ އެވެ. އައިއެސް އަށް ލިބޭ އާމްދަނީ ޚަރަދުކުރަނީ އެޖަމާއަތަށް ނިސްބަތްވާ ހަނގުރާމަވެރިންނަށް މުސާރަ ދިނުމަށާއި އެޖަމާއަތުގެ އަތްދަށުގައިވާ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނަށް ބޭނުންވާ އެކިއެކި ޚިދްމަތްތައް ދިނުމަށެވެ. މީގެތެރޭގައި ތައުލީމާއި ސިއްޙީ ޚިދްމަތްފަދަ ޚިދްމަތްތައް ހިމެނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އައިއެސްގެ ހަނގުރާމަވެރިއަކަށް އެވްރެޖްކޮށް މަހެއްގެ މައްޗަށް 1000 ޑޮލަރު މުސާރައިގެ ގޮތުގައި ދެ އެވެ. މުސާރަ ދަށްވެ މަތިވަނީ ހަނގުރާމަވެރިންގެ ރޭންކްތައް ހުންނަ ގޮތުންނެވެ. ރޭންކްތައް ކަނޑައަޅަނީ ހަނގުރާމައިގެ ތަޖްރިބާއާއި އަދާކުރާ މަސައްކަތުގެ ބުރަކަމާއި ތައްލީމީ ހާލަތަށް ބަލާފަ އެވެ. އައިއެސްއަށް ލިބޭ އާމްދަނީގެ 43 ޕަސެންޓަކީ ތެލުގެ އާމްދަނީ އެވެ. އިރާގާއި ސޫރިޔާގެ ރައްޔިތުންގެ މިލްކިއްޔާތުތައް ނުއަގުގައި ވިއްކައިގެން އައިއެސްއިން ހޯދާ އާމްދަނީ ވެސް 13 ޕަސެންޓަށް އަރާކަމަށްވެ އެވެ. މީގެތެރޭގައި މި ދެ ގައުމުގެ ބިންތަކާއި ގުދްރަތީ މުއްސަނދިކަންވެސް ހިމެނެ އެވެ. ހަނގުރާމައާއެކު ވެސް އައިއެސްގެ ކޮންޓްރޯލްގެ ދަށުގައިވާ ގިނަ ސަރަހައްދުތަކުން ކަރަންޓާއި ޓެލެފޯނާއި އިންޓަނެޓްގެ ޚިދްމަތްތައް ލިބޭކަމަށްވެ އެވެ. (ނޫސްއެޖެންސީތައް)