10 Dec 2015, 09:24
ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށް ހަމައެކަނި ބޭސްތަކަށް ބަރޯސާ ވުމުގެ ބަދަލުގައި ބަދިގެ އިން ފަސޭހަކަމާ އެކު ލިބެން ހުންނަ ބާވަތްތައް ބޭނުން ކުރުން ކިހިނެއް ވާނެ ހެއްޔެވެ؟
ބަދިގެއިން ލިބެން ހުންނަ އެފަދަ ތަކެތީގެ ތެރެއިން މާމުޔާއި ލޮނުމެދަކީ ފާހަގަ ކޮށްލެވޭ ދެ ބާވަތެކެވެ. މާމުޔަކީ އޭގައި ގިނަ އަދަދަކަށް ވިޓަމީނާއި މިނަރެލް އެކުލެވިގެންވާ އެއްޗެކެވެ.

މާމުއި
އަދި ހަމައެއާ އެކު ހިތުގެ ބަލިތަކުންނާއި ތަފާތު ވައްތަރުގެ ކެންސަރު ބަލިތަކުން ހަށިގަނޑު ދިފާއު ކުރުމަށް ބޭނުންވާ އެންޓިއޮކްސިޑެންޓެއް ކަމަށް ވާ ޕޯލީފެނަލްސް ވެސް މާމުއިގައި ގިނަ އަދަދަކަށް އެކުލެވިގެންވެ އެވެ.

ލޮނުމެދު
ގަދަ ވަހެއް އެކުލެވޭ ލޮނުމެދަކީ ވެސް ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދޭ މާއްދާތައް އެކުލެވިގެންވާ ތަރުކާރީއެކެވެ. އެގޮތުން ލޮނުމެދުގައި އެކުލެވޭ އެފަދަ އެންމެ ހާއްސަ އެއް މާއްދާއަކީ އެލިސިން އެވެ.
ކެއްކުމުގައި އާއްމުކޮށް ބޭނުން ކުރާ މި ތަރުކާރީ ބޭނުން ކުރުމުން ހިތުގެ ހިނގުން ރަނގަޅުކޮށްދީ ލޭގެ ޕްރެޝަރު އެއް މިންގަނޑެއްގައި ހިފަހައްޓައިދެ އެވެ. ހަމައެހެންމެ ފަންގަލް އިންފެކްޝަނުންނާއި ރޯގާތަކުން ހަށިގަނޑު ރައްކާތެރި ކޮށްދީ ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށް ވެސް ލޮނުމެދު މުހިއްމު ދައުރެއް އަދާ ކުރެ އެވެ.
އެގޮތުން ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށް ޓަކައި މާމުޔާއި ލޮނުމެދު ބޭނުން ކޮށްގެން ތައްޔާރު ކުރެވިދާނެ ޕޭސްޓަކަށް ބަލާލާނަމެވެ.
ބޭނުންވާ ތަކެތި:
މާމުއި ފުޅިއެއް (އާދައިގެ ސައިޒުގެ)
8- 10 ލޮނުމެދު (ކުދިކޮށް ކޮށާފައި)
ތައްޔާރު ކުރާނެ ގޮތް:
އެންމެ ފުރަތަމަ މާމުއި ފުޅީގެ ދެބައި ކުޅައެއްބައި އެހެން ތައްޓަކަށް ހުސްކޮށްލާށެވެ. އެއަށް ފަހު ކޮށާފައި ހުރި ލޮނުމެދު މާމުއި ފުޅިއަށް (ދެބައިކުޅަ އެއްބައި ހުރި) އަޅާލާށެވެ.
އަދި ތަށްޓަށް ހުސްކުރި މާމުއި، ފުޅިއަށް އަޅައި ފުޅި އެއްކޮށް ފުރާލާށެވެ.
އެއަށް ފަހު އެއް މަސް ދުވަސް ވަންދެން ގޭގެ ކުޑަ ދޮރެއް ކައިރީ ބަހައްޓާށެވެ. އެއްމަސް ހަމަވާއިރު ލޮނުމެދުގެ ދިޔަ ހުންނާނީ މާމުޔާއި ރަނގަޅަށް އެއްވެފަ އެވެ. އަދި ތައްޔާރު ކުރި "ހަނީ އިންފިއުސްޑް ގާލިކް" ޕޭސްޓު ކޮންމެ ދުވަހަކު ކެއުމުގައި ބޭނުން ކުރާށެވެ. އޭރުން ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދޭނެ އެވެ.
މައުލޫމާތު: ހެލްތް ޓިޕްސް.ކޮމް