މަޝްހޫރު ޓައިމް މެގަޒިން އިން ހޮވި މިއަހަރުގެ އެންމެ ނުފޫޒުގަދަ ޝަޚުސިއްޔަތަކަށް ޖަރުމަނުގެ ޗާންސެލަރް އެންޖެލާ މާކެލް ކަމަށް އެ މަޖައްލާއިން ކަނޑައަޅައިފި އެވެ.

ޓައިމް މެގަޒިންގެ އަހަރުގެ ޝަޚުޝިއްޔަތަކީ އެންޖެލާ މާކެލް ކަނޑައެޅިކަން އެ މަޖައްލާއިން މިއަދު ވަނީ އިއުލާންކޮށްފަ އެވެ. އަހަރުގެ ޝަޚުސިއްޔަތަކީ އޭނާ ކަމަށް ކަނޑައެޅުމަށް ފަހު ޓައިމް މަޖައްލާއިން ވަނީ އޭނާ އަށް ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ. އެގޮތުން ގްރީކްގެ ދަރަނީގެ މައްސަލަ ހައްލު ކުރުމަށް ކުރި މަސައްކަތާއި ސޫރިއާގެ ރެފިއުޖީން ބަލައި ގަތުން ފަދަ ކަންތަކަކީ އޭނާއަށް ތައުރީފު ލިބޭ ކަންތައްތަކުގެ ގޮތުގައި ޓައިމް މެގަޒިން އިން ވަނީ ފާހަގަކޮށްފަ އެވެ.

އަހަރުގެ ޝަޚުސިއްޔަތަކަށް އެންޖެލާ މާކެލް ކަނޑައެޅި އިރު އެ މަޖައްލާއިން ނެގި އޮންލައިން ޕޯލްގައި ދެވަނަ ލިބިފައި ވަނީ އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ލީޑަރު އަބޫބަކުރު އަލް ބަޣުދާދީއެވެ.

އައިއެސްގެ ލީޑަރު އަބޫ ބަކުރު އަލް ބަޣުދާދީ. ފޮޓޯ: ޑެއިލީ މެއިލް

ޕޯލްގައި އެންމެ ގިނަ ވޯޓް ލިބުނު ޝަޚުސިއްޔަތުތަކުގެ ލިސްޓްގައި ދެން ހިމެނެނީ އެމެރިކާގެ ރިޔާސީ ޓިކެޓް ހޯދުމަށް ކެމްޕެއިން ކުރަމުން އަންނަ ޑޮނަލްޑް ޓްރަމްޕްއާއި "ބްލެކް ލައިވްސް މެޓާ" އެކްޓިވިސްޓުންނާއި އީރާނުގެ ރައީސް ހަސަން ރޫހާނީއާއި އުބާގެ ސީއީއޯ ހިމެނެއެވެ.

ޓައިމް މެގަޒިން އިން އަހަރުގެ ޝަޚުސިއްޔަތު ކަނޑައެޅުމުގެ ކުރިން ޕޯލް އެއް ނެގި ނަމަވެސް ޝަޚުސިއްޔަތު ކަނޑައަޅަނީ އެ ޕޯލްގެ ނަތީޖާއަށް ބަލައިގެންނެއް ނޫނެވެ. ނަމަވެސް ޝަޚުސިއްޔަތު ކަނޑައަޅަނީ އެ މެގަޒިންގެ އެޑިޓަރުންނެވެ. (މައުލޫމާތު: ޑެއިލީ މެއިލް)