ފައިނަލްގައި ދިވެހި ސިފައިންގެ ކުލަބުގެ މައްޗަށް ތިން ސެޓް އެއް ސެޓުން ކާމިޔާބު ހޯދައި ގައުމީ ވޮލީބޯޅަ ޗެމްޕިއަންކަން މޯލްޑިވިއަން ރެކްރިއޭޝަން ކްލަބުން ކާމިޔާބުކޮށް އެވެ.

ދެޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މެޗުގެ ފުރަތަމަ ސެޓު ކާމިޔާބު ކުރީ ސިފައިންނެވެ. އެ ޓީމުން ފުރަތަމަ ސެޓު ގެންދިޔައީ 25-18 އިންނެވެ.

ސިފައިން ފުރަތަމަ ސެޓު ކާމިޔާބު ކުރި ނަމަވެސް މޯލްޑިވިއަން ވަނީ ހިތްވަރު އެލުވާ ނުލއި ދެ ވަނަ ސެޓަށް ނުކުމެ ސިފައިން ފުރަތަމަ ސެޓް ގެނަދިޔަ ނަތީޖާއިން 25-17 އިން އެ ސެޓް ކާމިޔާބުކޮށްފަ އެވެ.

އެއަށް ފަހު ސިފައިންގެ ފަރާތުން ވަރުބަލި ކަމެއް ފެނިގެން ދިޔައިރު މޯލްޑިވިއަން އިން ފޯރިއާ އެކު ކުޅެ ތިން ވަނަ ސެޓް ވެސް ކާމިޔާބު ކުރި އެވެ. ވާދަވެރި ކުޅުމަކަށް ފަހު އެ މެޗުގެ ދެ ވަނަ ސެޓު މޯލްޑިވިއަން ކާމިޔާބު ކުރީ 25-22 އިންނެވެ.

ހަތަރު ވަނަ ސެޓަށް މޯލްޑިވިއަން ނުކުތީ އެ ސެޓް ކާމިޔާބުކޮށް ފުރަތަމަ ފަހަރަށް ގައުމީ މުބަރާތުގެ ތަށި އުފުލާލުމުގެ އަޒުމުގަ އެވެ. އެ ގޮތުން ފަހު ސެޓު އެ ޓީމުން ކާމިޔާބުކުރީ 25-18 އިންނެވެ. އެ މެޗުގައި މޯލްޑިވިއަން ޓީމަށް ކުޅެމުން އަންނަ ބިދޭސީ ދެ ކުޅުންތެރިންގެ އިތުރުން ރާއްޖޭގެ އެއް ނަމްބަރު ކުޅުންތެރިޔާ އިސްމާއިލް ސާޖިދު ގެ ފަރާތުން ވަނީ އާދަޔާ ހިލާފު މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ.

މެޗަށް ފަހު ވަނަވަނައަށް ހޮވުނު ކުޅުންތެރިންނަށް ތައްޓާއި އިނާމު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމާއި، ކުޅިވަރާބެހޭ ވަޒީރު އަހުމަދު ޒުހޫރެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި މުޅި މުބާރާތުގައި ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ މޯލްޑިވިއަން ރެކްރިއޭޝަން ކުލަބުގެ އިސްމާއިލް ސާޖިދު އެވެ. އަދި މުބާރާތުގެ 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޓީމުގެ ސެޓަރު ހުސައިން ވިޝާމް އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން މޯލްޑިވިއަންގެ އެސިސްޓަންޓް ކޯޗު އިބްރާހިމް ޝިހާމް ބުނީ މިރޭގެ މެޗްގައި މޯލްޑިވިއަންގެ ފަރާތުން ފެނިގެން ގޮސްފައިވަނީ އާދަޔާ ހިލާފް މޮޅު ކުޅުމެއް ކަމަށާއި ފުރަތަމަ ސެޓު ގެއްލުނު ނަމަވެސް މެޗް ކާމިޔާބް ކުރެވުނީ ޓީމެއްގެ ގޮތުގައި ކުޅެމުން ކަމަށެވެ.

މެޗުން ބަލިވި ސިފައިންގެ ކޯޗު މުއައްމަރު ބުނީ، އެ ޓީމުގެ އެންމެ ބޮޑު ޓާގެޓަކީ ޕޮލިސް ކްލަބަށް ތަށި މިލްކުކުރުމުގެ ފުރުސަތު ގެއްލުވާލުން ކަމަށާއި އެކަން ހާސިލްވެއްޖެ ކަމަށާއި އެ ޓީމުން ދެކެނީ ފައިނަލަކީ އެމީހުނަށް ލިބުނު ބޯނަހެއް ކަމަށެވެ.