09 Dec 2015, 23:02
ދެހާސް ތޭރަ ވަނަ އަހަރު ވިކްޓަރީއަށް ކޯޗްކޮށްދިން ސޮލަވާކިއާގެ ވަލްޑަމީރު ގޮފާއަށް ތިން ލައްކައެއްހާ ރުފިޔާ ދިނުމަށް ފީފާއިން އަންގައިފި އެވެ.
ޖުމްލަ 274،900 ރުފިޔާ ވަލްޑަމީރު ގޮފާއަށް ދެއްކުމަށް ފީފާއިން ވަނީ ވިކްޓަރީއަށް އަންގާފަ އެވެ.
އޭގެ ތެރޭގައި ހިމެނެނީ ތިން މަހުގެ މުސާރައިގެ ގޮތުގައި ދޭން ޖެހޭ 5،000 އެމެރިކާ ޑޮލަރާއި އޭނާއަށް މުސާރަ ނުލިބި ދިމާވި ކަންކަމަށް ގެއްލުމުގެ ބަދަލެއްގެ ގޮތުން 7500 އެމެރިކާ ޑޮލަރު ދިނުމަށާއި އެ މައްސަލާގައި ފީފާއަށް ދޭން ޖެހޭ 4000 ސްވިސް ފްރޭންކާއި މައްސަލާގައި ވަކާލާތު ކުރާ ގޮފާގެ ވަކީލަށް ދޭންޖެހޭ 1000 ސްވިސް ފްރޭންކެވެ.
ފީފާގެ 'ޕްލޭއާސް ސްޓެޓަސް ކޮމިޓީ' އިން ބެލި މައްސަލައިގެ ރިޕޯޓާއެކު މިއަހަރު އޮކްޓޫބަރު މަހު 28 ވަނަ ދުވަހު ފޮނުއްވާފައިވާ ސިޓީ ގޮފާ ވަނީ މިރޭ ސަންއާ ހިއްސާކުރައްވާފަ އެވެ. މިސިޓީ ވަނީ ވިކްޓްރީއަށްވެސް ފޮނުވާފައެވެ. އަދި އެފްއޭއެމަށްވެސް ސިޓީގެ ކޮޕީއެއް ފޮނުވާފައިވާކަން އެސީޓީގައި ވެއެވެ.
އިސްތިއުނާފްގެ މަރުހަލާ އަށް 10 ދުވަސް ދީފައިވާއިރު މިހާރު މި މައްސަލައިގެ އިސްތިއުފްގެ މުއްދަތު ވެސް ވަނި ހަމަވެފަ އެވެ.
އަދި ދައްކަންޖެހޭ ފައިސާ ދިނުމަށް ފީފާއިން ވިކްޓަރީއަށް ދީފައިވާ 30 ދުވަހުގެ މުއްދަތު ހަމަވެފައިވާއިރު މިހާރު ފައިސާ ނުދައްކާ ހޭދަވާ ކޮންމެ މަހަކު ޖޫރިމަނާގެ ގޮތުގައި ފަސް ޕަސަންޓް އިތުރުވާނެ ކަމަށް 'ޕްލެއާ ސްޓެޓަސް ކޮމިޓީ' އިން މައްސަލަ ނިންމި ގޮތުގެ ރިޕޯޓްގައި ބުނެފައިވެއެވެ.
ސޮލާވާކިއާގައި ހުރެ މިރޭ ސަންއަށް ދިން އިންޓަވިއުގައި ދެ ވަނަ ޑިވިޝަނަށް ރެލިޣޭޓުވާން ދިޔަ ވިކްޓްރީ ޕްލޭއޮފްއިން ސަލާމަތްކޮށްދިން ގޮފާ ބުނީ އެ ފައިސާއަކީ އޭނާގެ މޯޓިވޭޝަނާ ގުޅިފައިވާ ކަމެއް ނޫން ކަމަށާއި ނަމަވެސް އޭނާއަށް މަސައްކަތް ކުރެވޭނީ މުސާރައެއް ލިބިގެން ކަމަށެވެ.
އަދި މިދިޔަ ދެ އަހަރު ތެރޭ އެފައިސާގެ ކަންކަމުގައި ވިކްޓްރީން އެއްވެސް އޮފިޝަލަކު އޭނާއަށް އެއްވެސް ޖަވާބެއް ދީފައިނުވާ ކަމަށެވެ.
"އަހަރެން ރާއްޖެ ދެކެ ވެސް ލޯބިވޭ. ދިވެހި ފުޓްބޯޅަ ދެކެވެސް އަހަރެން ލޯބިވޭ. ފައިސާއަކީ އަހަރެންގެ މޯޓިވޭޝަނާ ގުޅުން ހުރި ކަމެއް ނޫން. ނަމަވެސް އަހަންނަށްވެސް މަސައްކަތް ކުރެވޭނީ މުސާރައެއް ލިބިގެން،" ގޮފާގެ އިހްސާސްތައް ސަންއާ ހިއްސާ ކުރައްވަމުން އޭނާ ބުންޏެވެ.
އޭނާ ބުނީ މިމައްސލަ ދިމާވާނީ އޭނާއަށް އެކަނި ނޫން ކަމަށާއި ކޯޗުންނާ ކުޅުންތެރިންގެ ކުރިމަގަށްޓަކައި އެފްއޭއެމުން ރާއްޖޭގެ ކުލަބުތަކުގައި ފައިނޭޝިއަލް ޑިސިޕްލިންގެ ގަވާއިދުތައް ހިފައްޓަންޖެހޭ ކަމަށެވެ.
އޭނާ އަށް ކުރިމަތިވީ ހަމައެކަނި ފައިސާގެ މައްސަލަ ނޫން ކަމަށާއި "އިންސާނިއްޔަތައް އުނިކަން އަންނާނެ ފަދަ ހާލަތްތައް" ވެސް އޭނާއަށް ކުރިމަތިވި ކަމަށެވެ.
އެގޮތުން 2013 ވަނަ އަހރު ރާއްޖޭގައި ހުރެ އޭނާ މީޑިއާތަކަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ އޭނާއަށް ކެއުމުގެ އިންތިޒާމު ވެސް އެކުލަބުން ހަމޖައްސާފައި ނުވާ ކަމަށާއި ކެއުން ކުރިއަށް ގެންގޮސްފައި ވަނީ އެކި ފަހަރު އެކި ރައްޓެހިންގެ ގެއިން ކަމަށެވެ.
ގޮފާ ބުނީ ވިކްޓްރީން އޭނާގެ ޕާސްޕޯޓް ވެސް ހިފެހެއްޓި ކަމަށާއި އަދި ޕާސްޕޯޓް ދޭން ބުނުމުން ޕާސްޕޯޓްވީ އިމިގްރޭޝަންގައި ކަމަށް ބުނެފައިވާ ކަމަށެވެ.
ގޮފާ ވަނީ 2005 ވަނަ އަހަރު ކ. ހުރާއަށް ނިސްބަތްވާ ހުއްރިއްޔާ ސްޕޯޓްސްއަށް ކޯޗްކޮށްދީ އެ ޓީމަށް އެ އަހަރުގެ ދިވެހި ލީގް ކާމިޔާބު ކޮށްދީފަ އެވެ. އަދި ޖެހިގެން އައި 2006 ވަނަ އަހަރު ނިއުއަށް ބަދަލުވެ އެޓީމަށް ވެސް ދިވެހި ލީގް ޗެމްޕިއަންކަން ހޯދައިދީފަ އެވެ.