09 Dec 2015, 18:40
ރާއްޖޭގެ ސިވިލް ސާވިސް ޓްރެއިނިންގ އިންސްޓިޓިއުޓް ކުރިއެރުމަށް ޗައިނާ ސަރުކާރުން ފޯރުކޮށްދެވޭނެ އެހީތަކާ ގުޅޭގޮތުން ދެ ފަރާތުން މަޝްވަރާކޮށްފި އެވެ.
މިއަދު ސިވިލް ސާވިސް ޓްރެއިނިންގ އިންސްޓިޓިއުޓު ގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ޗައިނާ ސަރުކާރުގެ ފަރާތުން، މަޝްވަރާ ކުރެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާންގް ފޫކާން އެވެ.
ސިވިލް ސާވިސް ޓްރެއިނިންގ އިންސްޓިޓިއުޓްގެ ފާރާތުން އެ މަޝްވަރާގައި ބައިވެރިވެ ވަޑައިގެންނެވީ ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމާއި އެ ކޮމިޝަންގެ ބައެއް އިސްވެރިންނެވެ.
މިއަދުގެ ރަސްމިއްޔާތުގައި ޗައިނާގެ ސަފީރު ވަނީ ރާއްޖޭގެ ސިވިލް ސާވިސް ޓްރެއިނިންގ އިންސްޓިޓިއުޓް މިހާރު އޮތް ހަލަތާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ރާއްޖޭގެ ސިވިލް ސާވިސް ޓްރެއިނިންގ އިންސްޓިޓިއުޓް ކުރިއެރުމަށް ޗައިނާ ސަރުކާރުން ފޯރުކޮށްދެވޭނެ އެހީތަކާ ގުޅޭގޮތުން ދެފަރާތުގެ ދެމެދުގައި މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމަށް ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަޑައިގަންނަވަނީ ---- ސަން ފޮޓޯ: އަލީ ނަސީރު
އެ އިންސްޓިޓިއުޓްގެ ހާލަތު މިހާރަށް ވުރެ ރަނގަޅު ކުރުމަށް ޗައިނާ ސަރުކާރުގެ ފަރާތުން ވެދެވޭނެ އެހީތަކާއި އަދި ސިވިލް ސާވަންޓުން ތަމްރީނު ކުރުމަށް ފަހި ކޮށްދެވޭނެ ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.
"ރާއްޖޭގެ ސިވިލް ސާވަންޓުން ތަމްރީނު ކުރުމަށް ޗައިނާގެ ފަރާތުން މިދިޔަ އަހަރު 100 ފުރުސަތު ދިނިން. އަދި ސިވިލް ސާވަންޓުން ތަމްރީނު ކުރުމަށް އަންނަ އަހަރު އިތުރު 300 ފުރުސަތު ހުޅުވާނަން،" ސަފީރު ވިދާޅުވި އެވެ.
އަދި ކުރިއަށް އޮތްތަނުގައި ވެސް ސިވިލް ސާވަންޓުން ތަމްރީނު ކުރުމަށް އިތުރު ފުރުސަތުތަކެއް ހޯއްދެވުމުގެ މަސައްކަތް ކުރައްވާނެ ކަމަށްވެސް ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވިދާޅުވިއެވެ.

ރާއްޖޭގެ ސިވިލް ސާވިސް ޓްރެއިނިންގ އިންސްޓިޓިއުޓް ކުރިއެރުމަށް ޗައިނާ ސަރުކާރުން ފޯރުކޮށްދެވޭނެ އެހީތަކާ ގުޅޭގޮތުން ދެފަރާތުގެ ދެމެދުގައި މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ސީއެސްސީގެ ރައީސް ޑރ. އަލީ ޝަމީމް ---- ސަން ފޮޓޯ: އަލީ ނަސީރު
ޗައިނާ ސަފީރުވަނީ ސިވިލް ސާވިސް ޓްރެއިނިންގ އިންސްޓިޓިއުޓްގައި މިހާރު ތައްޔާރު ކުރަމުންދާ ވާޗުއަލް ކްލާސް ރޫމަށް ބޭނުންވާ ބައެއްތަކެތިވެސް އެ އިންސްޓިޓިއުޓަށް ހަދިޔާ ކޮށްދެއްވާފައެވެ.
އެ އިންސްޓިޓިއުޓުގެ މިހާރުގެ ހާލަތަކީ ކޮބައިތޯ ބެލުމަށް ކްލާސްތަކަށް ޒިޔާރަތް ކުރައްވައި ސަފީރު ވަނީ އެތަނުގެ ހާލަތު ބައްލަވައިލައްވާފަ އެވެ.

މިއަދުގެ މަޝްވަރާތަކަށްފަހު ސިވިލް ސާވިސް ކޮމިޝަންގެ ފަރާތުން ޗައިނާގެ ސަފީރަށް ހަނދާނީ ހަދިޔާއެއް ހަވާލުކޮށްދެއްވަނީ --- ސަން ފޮޓޯ: އަލީ ނަސީރު