ހައި ކޯޓުގެ އަމުރާ އެއްގޮތަށް ހއ. ކެލާގައި މިއަދު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވޯޓުލުން އޮމާންކަމާ އެކު ކުރިއަށް ގެންގޮސް ނިންމާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލަކު ވިދާޅުވީ މިއަދު ހެނދުނު އަށެއް ޖެހި އިރު ވޯޓުލުން ހުޅުވާލި އިންތިހާބުގެ ވޯޓުލުން ހަވީރު ހަތަރެއް ޖެހިއިރު ބަންދު ކުރިއިރު އެއްވެސް ހަމަނުޖެހުމެއް ހިނގާފައިނުވާ ކަމަށެވެ. އަދި ވޯޓުލުން ކުރިއަށް ގޮސްފައި ވަނީ ފެބްރުއަރީ ފަހެއްގައި ކެލާގައި ބޭއްވި އިންތިހާބާ ހިލާފަށް އެއްވެސް މައްސަލައެއް ނުޖެހި ވަރަށް އޮމާންކޮށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ވަރަށް އޮމާންކަމާ އެކު ވޯޓުލުން ކުރިއަށް ދިޔައީ. އެއްވެސް މައްސަލައެއް ވެސް ދިމައެއް ނުވޭ. މިހާރު ދެ ފޮށި ވެސް ވަނީ ބަންދުކޮށްފައި،" އޮފިޝަލް ވިދާޅުވި އެވެ.

މީގެ އިތުރުން އޮފިޝަލް ވިދާޅުވީ ވޯޓުލުމަށް މިފަހަރު ވެސް ފުދޭ ވަރެއްގެ ތަރުހީބެއް ލިބުނު ކަމަށާއި ވޯޓުލުން ބަންދު ކުރި އިރު 750 އަށް ވުރެ ގިނަ މީހުން ވޯޓުލާފައިވާ ކަމަށެވެ.

ފެބްރުއަރީ ފަހެއްގައި ކެލާގައި ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވޯޓުލުމުގައި ވަރަށް ބައިވަރު މައްސަލަތަކެއް ކުރިމަތިވެފައިވެ އެވެ. ކެލާގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 1407 މީހުންގެ ތެރެއިން 900 އެއްހާ މީހުން އެ ދުވަހު ރަށުގައި ތިބި އިރު ވޯޓުލެވިފައި ވަނީ އެންމެ 361 މީހުންނަށެވެ. ވޯޓުލުމަށްޓަކައި އެންމެ ފޮއްޓެއް އެފަހަރު ކެލާގައި ބަހައްޓާފައި ހުރި އިރު ކިޔޫ ބޮޑުވެގެން ވެސް ވަރަށް ގިނަ ބަޔަކު މައްސަލަ ޖައްސާފައިވެ އެވެ. އެކަމަކު ކެލާގައި ބޭއްވި އިންތިހާބު ބާތިލްކޮށް އަލުން އިންތިހާބެއް ބޭއްވުމަށް ހައި ކޯޓުން އަމުރު ކުރީ ކެލާގެ ވޯޓު ފޮށި ހދ. ހަނިމާދޫގައި ގުނާފައިވާތީ އެވެ.