އިސްލާމީ މަރުކަޒު ސަރަހައްދުގައި ގިނަ މީހުންނަށް ދަތިކަމެއްނެތި ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށްޓަކައި އެ ސަރަހައްދުގައި މާބުލް ޖަހަން ޗައިނާ ސަރުކާރުން ހިލޭ އެހީ ދީފި އެވެ.

ޗައިނާއިން އެ މަޝްރޫއަށް ދީފައިވާ ހިލޭ އެހީގެ ޖުމްލަ އަދަދަކީ 1.14 މިލިއަން ޔޫއެސް ޑޮލަރެވެ.

ހައުސިން މިނިސްޓްރީގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި އެހީގެ ޗެކް ހަވާލުކޮށްދެއްވީ ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާންގފޫކާނެވެ. ސަރުކާރުގެ ފަރާތުން ޗެކާ ހަވާލުވެވަޑައިގަތީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ.

މިއަދު ހައުސިން މިނިސްޓްރީގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން ---- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ، އިސްލާމީ މަރުކަޒު ކައިރީގައި ބޮޑު ޖަމާއަތް ހަދައިގެން ނަމާދު ކުރާއިރު އެތަން ހުރިގޮތުން އާންމުންނަށް އަޅުކަންކުރުމުގައި ދަތިވާކަމަށެވެ.

އެ މައްސަލަ ހައްލުކޮށްދިނުމަށް ފަށާފައިވާ އެ މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސީދާ އިސްނެންގެވުމުގެ މަތިން ފަށާފައިވާ މަސައްކަތެއްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އިސްލާމީ މަރުކަޒު ސަރަހައްދުގައި މާބުލް ޖަހާ ސަރަހައްދު ދައްކުވައިދީފައި

މިނިސްޓަރު ވިދާޅުވީ އެ މަޝްރޫގެ ދަށުން މިހާރު އިސްލާމީ މަރުކަޒު ކައިރީގައި 5000 އަކަމީޓަރުގެ ސަރަހައްދެއްގައި މާބުލް ޖަހައި ކުޑަތަކެއް ޖަހާނެ ކަމަށެވެ. އަދި މާބުލް ގަނެ އެ މަސައްކަތް ވީހާވެސް އަވަހަށް ބަޔަކަށް ހަވާލުކޮށް އަންނަ ރަމަޟާން މަހުގެ ކުރިން ނިންމާލެވޭތޯ މަސައްކަތް ކުރާނެކަމަށް ވިދާޅުވި އެވެ.

މިއަދު ހައުސިން މިނިސްޓްރީގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން ---- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

އެ މަޝްރޫއު ނިމުމުން އެ ސަރަހައްދުން އިސްލާމީވަންތަކަން ދައްކުވައިދޭނެ ކަމަށް ވެސް މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.