09 Dec 2015, 20:23
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ މެންޑޭޓަކީ ހަމައެކަނި ފަތުރުވެރިކަން އިޝްތިހާރުކުރުމާ ގުޅޭ މަސައްކަތްތައް ކުރުން ކަމުގައި ސަރުކާރުން ހަމަޖައްސައިފި އެވެ.
ސަން އަށް މިރޭ ދެއްވި އިންޓަވިއުއެއްގައި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ޓޫރިސްޓު ރިސޯޓު ތަރައްގީކުރުމަށް ރަށްތައް ހަވާލުކުރުން ފަދަ މަސައްކަތްތައް މީގެފަހުން ކުރާނީ ހަމައެކަނި ޓޫރިޒަމް މިނިސްޓްރީން ކަމަށެވެ.
މިނިސްޓަރު ޒަމީރު ވިދާޅުވީ އެފަދަ މަސައްކަތްތައް އެމްއެމްޕީއާރްސީން ކުރުމުން އެކުންފުނި އޮތުމުގެ އަސްލު މަގުސަދު ހާސިލުނުވާ ކަމަށެވެ.
"އެހެން އިންވެސްޓްމަންޓުތަކުގައި މިސާލަކަށް ރަށްވިއްކުން ފަދަ ކަންކަމާއި މި ހުރިހާ ކަންތައްތަކުގައި އެމްއެމްޕީއާރްސީން އުޅުނީމަ މިވާގޮތަކީ ޕްރައިމަރީ ފޯކަސް ގެއްލި، އެހެން ނޭދެވޭ ކަންތައްތަކެއް ވެސް ހިނގަނީ އޭގެތެރޭގައި،" ޒަމީރު ވިދާޅުވި އެވެ.
އެމްއެމްޕީއާރްސީން ކުރާނެ މަސައްކަތްތަކުގެ ގޮތުގައި ސަރުކާރުން މިހާރު ކަނޑައަޅާފައި ވަނީ ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމާއި އެޑްވަޓައިޒް ކުރުން އެކަނި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ހަމައެހެންމެ ޓޫރިޒަމްގެ ދުނިޔޭގެ މާކެޓަށް އަންނަ ބަދަލުތައް ދިރާސާ ކޮށް އެ ދިރާސާތަކަށް ބިނާކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ވެސް އެމްއެމްޕީއާރްސީގެ މެންޑޭޓެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށް ވެސް ޓޫރިޒަމް މިނިސްޓަރު ވިދާޅުވި އެވެ.
އެމްއެމްޕީއާރްސީގެ މެންޑޭޓަށް ބަދަލުގެންފައި މިވަނީ ޓޫރިސްޓު ރިސޯޓު ތަރައްގީކުރުމަށް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އެކުންފުނިން ރަށްތައް ދޫކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ފުލުހުންނާއި އެންޓީ ކޮރަޕްޝަން ކޮމިޝަނުން ތަހުގީގު ކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ.
އޭގެތެރެއިން ބައެއް މައްސަލައިގެ ތަހުގީގު ނިންމައި ފުލުހުން ވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައެވެ. އަދި އޭގެތެރެއިން އެއް މައްސަލައެއްގައި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް ޚިޔާނާތުގެ ދައުވާ އަދި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާ ވަނީ އުފުލައިފަ އެވެ.