09 Dec 2015, 19:34
މޯލްޑިވްސް ޗައިލްޑް ޕްރޮޓެކްޝަން ޑާޓާބޭސް އަށް މޯބައިލް އެޕްލިކޭޝަނެއް ތަޢާރަފުކުރުމުގެ މަސައްކަތް ފަށާފައި ވާކަމަށް ފުލުހުންގެ ފެމެލީ އެންޑު ޗައިލްޑު ޕްރޮޓެކްޝަން ޑިޕާޓުމަންޓުން ބުނެފިއެވެ.
އެ ޑިޕާޓްމަންޓުން ބުނީ މިއީ ޑާޓާބޭސް ތަރައްގީކޮށް އެންމެ އެދެވޭ ގޮތުގައި ޑާޓާބޭސްގެ ބޭނުން ހިފޭނެ މަގު ފަހިކޮށްދިނުމަށް ތައާރަފް ކުރާ އެޕްލިކޭޝަނެއް ކަމަށެވެ.
މި މޮބައިލް އެޕްލިކޭޝަން ބޭނުން ކުރެވެނީ ކޭސް ހުށަހެޅުމަށާއި ހުށަހަޅާ މައްސަލައެއް ގޮސްފައިވާ ހިސާބު ބަލާލުމަށެވެ.
ފުލުހުން ބުނީ 2016 ވަނަ އަހަރު މި ޑާޓާބޭސް ބޭނުން ކުރަން ފެށުމުގެ އިތުރުން، ޑާޓާ ބޭސް ހަރުދަނާ ކުރުމަށްޓަކައި މިހާރު ބޭނުންކުރަމުންދާ ވިންޑޯސް ބޭސްޑް ސިސްޓަމް، ވެބް- ބޭސްޑް ސިސްޓަމަކަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށާއި ކުށްކުރާ ކުދިން ކުށުގެ މާހައުލުން ދުރުކުރުމަށް ރައްޔިތުންނާ ގުޅިގެން ކުރެވޭ މަސައްކަތްތައް ދެނެގަތުމަށް މި މޮބައިލް އެޕްލިކޭޝަންގެ ސަބަބުން އެހީވެދޭނެ ކަމަށް އެ ޑިޕާޓުމަންޓުން ބުންޏެވެ.
ތަހުގީގުކުރާ ފުލުހުން އެ ޑޭޓާބޭސް އަށް އަހަލުވެރިކުރުމަށް މިއަހަރުގެ ތެރޭގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ސެޝަންތަކެއް ހިންގާފައި ވާއިރު، މިހާތަނަށް 160 އިންވެސްޓިގޭޝަން އޮފިސަރުން ވަނީ ތަމްރީނުކޮށްފައެވެ.
ކަމާ ބެހޭ މުއައްސަސާތަކުގެ ބޭފުޅުންނާ ވަކިން ޚާއްސަކޮށް، ކޭސްވޯކަރުން އަހުލުވުވެރިކުރުމަށްވެސް ފާއިތުވި ދުވަސްތަކުގެ ތެރޭގައި ގިނަ ޕްރޮގްރާމްތަކެއް ހިންގާފައިވާ ކަމަށް ފެމެލީ އެންޑު ޗައިލްޑު ޕްރޮޓެކްޝަން ޑިޕާޓުމަންޓުން ވަނީ ބުނެފައެވެ.
މޯލްޑިވްސް ޗައިލްޑް ޕްރޮޓެކްޝަން ޑާޓާބޭސްއަކީ، 2010 ވަނަ އަހަރު އިފްތިތާހްކޮށް ބޭނުންކުރަން ފެށުނު ޑާޓާބޭސްއެކެވެ.
އެޑާޓާބޭސް އަކީ ރާއްޖޭގެ ކުޑަކުދިންގެ ހާލަތު ދެނެގަތުމަށްޓަކައި، ކުށްކުރާ ކުޑަކުދިންނާއި ކުށުގެ ޝިކާރައަތްވާ ކުޑަކުދިންނާ ބެހޭ ތަފާސް ހިސާބުއެއްކޮށް ގައުމީ ފެންވަރުގައި ބަލަހައްޓައި މޮނިޓަރކުރުމަށް ޔުނިސެފްގެ އެހީގައި ކަމާ ބެހޭ އެޖެންސީތަކުގެ މެދުގައި ގާއިމުކުރެވިފައިވާ ޑާޓާބޭސްއެކެވެ.
ބޭރުގެ ފަންނީ ލަފާގެ މަތިން ތަރައްގީކުރި އެ ޑާޓާބޭސް ތަރައްގީކޮށް، ބަލަހައްޓަމުންދަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޓެކްނޮލޮޖީ ޑިޕާޓްމަންޓުންނެވެ.