ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ނ. ލަންދޫން މީހަކު ހައްޔަރުކޮށްފި އެވެ.

ނ. އަތޮޅަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ބޭނުންކޮށް ވިޔަފާރިކުރާ ފަރާތްތައް ހޯދުމަށާއި އެފަދަ ޢަމަލްތައް ހުއްޓުވުމުގެ ގޮތުން ނ. އަތޮޅު ޕޮލިސް ސްޓޭޝަންތަކުން ހިންގަމުންދާ ސިލްސިލާ އޮޕަރޭޝަންތަކުގެ ތެރެއިން ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ 20 އަހަރުގެ ފިރިހެނެކެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ ޑިސެމްބަރު ހަ ވަނަ ދުވަހުގެ 11:30 ހާއިރު އޭނާ ދިރިއުޅެމުންދާ ގެއިން ކަމަށް ފުލުހުން ބުނެ އެވެ.

އޭނާ ދިރިއުޅެމުންދާގެ ބަލައިފާސްކުރި އިރު އެގޭގައި މީހުން ނޫޅޭ ކޮޓަރިއެއްގެ ތެރޭގައި އޮތް ދަބަހެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފަސް ރަބަރު ޕެކެޓް ފެނިފައިވެ އެވެ.

އޭގެ އިތުރުން ފުލުހުންގެ ތަހުގީގަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މި މައްސަލައާއި ގުޅުންހުރި އިތުރު ގެއެއް ބަލައިފާސްކުރި ކަމަށާއި އެގެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 130 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހާގެ ކުޑަކަމުދާތަކެތި ޓެސްޓްކުރުމުން މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާ އިރު މިމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ނ. މަނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުޤީޤު ކުރިއަށް ގެންދިޔުމަށް ފަސް ދުވަހުގެ މުއެދަތެއް ދީފަ އެވެ.