09 Dec 2015, 18:47
އެކަނިވެރިމައިންނަށް ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން ދެއްވަމުން ގެންދަވާ އިނާޔަތް ނުލިބޭ ފަރާތްތަކަށް މާދަމާގެ ނިޔަލަށް ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބުރާހިމް މުއާޒު އަލީ މިއަދު ވިދާޅުވީ އެކަނިވެރިމައިންނަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދެއްވާ އިނާޔަތް ހައްގުވާ ފަރާތެއް އިސްތިސްނާ ކުރެވިފައިވޭތީ ޔަގީން ކުރުމުގެ ގޮތުން އެފަރާތްތަކާ ގުޅޭ ހާއްސަ ހޮޓުލައިނެއް ގާއިމްކޮށްފައިވާނެ ކަމަށެވެ.
މުއާޒު ވިދާޅުވީ މާދަމާގެ މެންދުރު 3:00 ގެ ނިޔަލަށް މިހާތަނަށް ފައިސާ ނުލިބޭ ފަރާތްތަކުން އެ ހޮޓްލައިން ނަންބަރަށް ގުޅުއްވައި ދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އިލްތިމާސެއް ކަމަށެވެ.
މުއާޒު ވިދާޅުވީ ރައީސް ޔާމީންގެ ދެކަނބަލުން އެކަނިވެރި މައިންނަށް ދެއްވަމުން ގެންދަވާ އެހީފުޅަކީ އެކަނިވެރި މައިން އުފުއްލަވާ ތަކުލީފުތަކާ އަޅާބަލާއިރު މާ ބޮޑު އެހީތެރިކަމެއް ކަމުގައި ނުވި ނަމަވެސް އެ އެހީތެރިކަމަކީ އެފަރާތްތަކުގެ ލޮބުވެތި ދަރިފުޅު ނުވަތަ ދަރިންނަށް އަންނަ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން އާ ޔުނިފޯމާއި އެހެނިހެން ތަކެތި އެހެން ކުދިންނެކޭ ވެސް އެއްފަދައިން ހޯދުމަށްޓަކައި ދެއްވާ އެހީއެއް ކަމަށެވެ.
"އެހެން ދަރިވަރުންނާ ތަފާތު ނުވާނޭ ގޮތުން އުފާވެެރި އިހްސާސްތަކެއްގައި ވުމަށް ތިޔަ ލޮބުވެތި މަންމައިން ކުރައްވާ މަސައްކަތްޕުޅަށް ލިބިގެންދާނޭ ކޮންމެވެސް މިންވަރެއްގެ އެހީތެރިކަމެއް ކަމުގައި އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޔަގީން ކުރައްވަ އެވެ." މުއާޒު ވިދާޅުވި އެވެ.
މުއާޒު ވިދާޅުވީ އެކަނިވެރި މަންމައިންގެ ލޯބިވާ ދަރިންގެ މުސްތަގުބަލަށްޓަކައި ވެވަޑައިގަންނަވާ މަތިވެރި ގުރުބާނީ ފާހަގަކުރައްވައި އެ މަންމައިންނަށް އިތުރު ހިތްވަރާއި އުފާ ފާގަތި ހަޔާތެއް މިންވަރު ކޮށްދެއްވުމަށް ރައީސްގެ ދެކަނބަލުން އެދިވަޑައިގަންނަވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ދެކަނބަލުންގެ އަމިއްލަ ޚަރަދުގައި އެކަނިވެރި މައިންނަށް މިހާތަނަށް 700،000 އަށް ވުރެ ގިނަ ރުފިޔާ ހަދިޔާކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެކޮޅު، މުލިއާގެއިން ވަނީ މީގެކުރިން ބުނެފަ އެވެ.
މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ދޫކުރާ އެ އިނާޔަތް ލިބެނީ އެކަނިވެރިމައިންގެ ބެލެނިވެރިކަމުގައި ތިބި 18 އަހަރު ނުފުރޭ ކޮންމެ ކުއްޖަކަށް 1،000 ރުފިޔާގެ މަގުންނެވެ. އިނާޔަތް ދޫކުރުމުގައި ބަލަނީ 1999 ވަނަ އަހަރުގެ ޖެނުއަރީން ފެށީގެން 2012 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ދަރިން ލިބިފައިވާ އެކަނިވެރިން މައިންނަށެވެ.