ނޭމާއަށް އަނިޔާގެ މައްސަލަ ކުރިމަތިވެ ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޖަރުމަނުގެ ބަޔާން ލެވަކޫސަންއާ ދެކޮޅަށް ބާސެލޯނާ މިރޭ ކުޅޭ މެޗުގައި އޭނާ އަށް ނުކުޅެވޭނެ ކަމަށް ބާސެލޯނައިން ބުނެފިއެވެ.

މިކަމާ ގުޅިގެން ބާސެލޯނާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނޭމާއަށް އަނިޔާވެފައިވަނީ އިންޔެ އެޓީމުން ބޭއެރީނާ ގައި ބޭއްވި ފަރިތަކުރުންތަކުގައި ކަމަށާއި އެ ފަރިތަކުރުންތަކުގައި އަނިޔާވެފައިވަނީ ނެމާގެ ކަނާތު އުކުޅުވަޅަށް ކަމަށެވެ.

ނަމަވެސް އެއީ އެހާ ސީރިއަސް އަނިޔާއެއް ނޫން ކަމަށް އެ ބަޔާނުގައި ވެއެވެ. ނޭމާއަށް އެނބުރި ކުޅުމަށް އާދެވޭނެ ވަކިދުވަހެއް އެ ކުލަބުން ބުނެފައެއް ނުވެއެވެ.

މި ސީޒަނުގައި ރަނަގަޅު ފޯމެއްގައި ބާސެލޯނާގެ ފޯވާޑް ލައިނުގާ މޮޅުކުޅުމެއް ދައްކަމުން އަންނަ ނޭމާއަށް އަނިޔާގެ މައްސަ ކުރިމަތިވެފައިވާއިރު މިރޭގެ މެޗުގައި އަނިޔާގެ ސަބަބުން ޑިފެންޓަރު ޖެރިނި މެތީއު އާއި މިޑްފިލްޑަރު ސާޖިއޯ ރޮބާޓޯ އަށްވެސް ނުކުޅޭނެއެވެ.

މީގެ އިތުރުން ސަސްޕެންސަނުގެ ސަބަބުން ޑިފެންޓަރު ޑެނިއެލް އަލްވޭޒް އަށް ނުކުޅެވޭއިރު ޑިފެންޑަރު ޖެރާޑް ޕީކޭ އާއި މިޑްފިލްޑަރު އަންޑްރޭ އިނިއެސްޓާ އަށްވެސް ނުކުޅެވޭނެ އެވެ.

މި ސީޒަނުގައި ނޭމާ ބާސެލޯނާއަށް މޮޅުކުޅުމެއް ދައްކަމުން އަންނައިރު އޭނާ ވަނީ މިއަހަރު ބާސެލޯނާއަށް ކުޅެދިން 17 މެޗުގައި 16 ލަނޑު ކަމިޔާބުކޮށްދީފައެވެ. އަދި ސްޕެނިޝް ލީގުގައި މަހަކު އެއް ފަހަރު ހޮވާ މޮޅު ކުޅުންތެރިއާގެ މަގާމަށް މިފަހަރު ހޮވިފައިވަނީ ނޭމާއެވެ.

ނޭމާ ވަނީ ފީފާއިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށް ދޭ ބެލަންޑެއޯ އެވޯޑަށް ވާދަކުރާ ތިން ކުޅުންތެރިންގެ ތެރޭގައިވެސް ހިމެނިފައެވެ.

ބަޔާން ލެވަކޫސަން އާއި ބާސެލޯނާ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 00:45 ގަ އެވެ.