09 Dec 2015, 16:52
އެމެރިކަން އެކްސްޕްރެސް ކްރެޑިޓް ކާޑް މެދުވެރިކޮށް ބޭނުން މުއްދަތަކަށް މުދާާ އިންސްޓޯލްމެންޓަށް ނެގޭ ހިދުމަތެއް "ބީއެމްއެލް އީޒީ ޕޭ"ގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތައާރަފުކޮށްފި އެވެ.
މިއަދު އީވޯ ހޯމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް އޮފިސަރު މުހައްމަދު ސައީދު ވިދާޅުވީ ކްރެޑިޓް ކާޑު މެދުވެރިކޮށް މާލޭގެ ހަތަރު ފިހާރައަކުން އިންސްޓޯލްމެންޓަށް ތަކެތި ނެގޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އެ ހިދުމަތް އިތުރަށް ފުޅާ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ހިދުމަތް މިވަގު އަޅުގަނޑުމެން ފޯރުކޮށްދެނީ އީވޯ ހޯމް އިންނާއި ސޮނީ ސްޕޯޓްސް އާއި ލެ ކިއުޓް ލައިފް ސްޓައިލް އަދި އިންޑެކްސް ފާނީޗަރުން،" ސައީދު ވިދާޅުވި އެވެ.
އެ ފިހާރަތަކުން ނަގާ އެއްޗިއްސަށް ފައިސާ ދެއްކުމުގެ މުއްދަތު، އިންސްޓޯލްމެންޓް އުސޫލުން ތިން މަހުން ފެށިގެން ދެ އަހަރު ދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ތަކެތި ނެގުމަށް ފަހު އެއަށް ފައިސާ ދެއްކުމަށް ބިލްކުރާނީ ކަސްޓަމަރުގެ ކްރެޑިޓް ކާޑަށެވެ. އެހެން ކަމުން އިތުރު އެޕްލިކޭޝަންތަކެއް ފުރިހަމަ ކުރާކަށް ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ކަމުން މަހުގެ ގޮތުގައި އަންނަ ބިލަށް ފައިސާ ދެއްކުމުން ޓްރާންސެކްޝަން ނިމޭނެ ކަމަށް ވެސް މުހައްމަދު ސައީދު ވިދާޅުވި އެވެ.
އިންސްޓޯލްމެންޓަށް ނަގާ އައިޓަމްއަކީ ކްރެޑިޓް ކާޑުގެ އެންމެ މަތީ އަދަދު ފަހަނައަޅައި ދާ އައިޓަމަކަށް ވެގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ކްރެޑިޓް ކާޑުގެ މެކްސިމަމް އަދަދަށް ވުރެ އައިޓަމްގެ އަގު އަރާނަމަ އިތުރަށް ވާ ބަޔަށް ފައިސާ ދައްކަން ޖެހޭނީ ވަކިން ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ނަގާ އައިޓަމްއަކަށް ފައިސާ ދައްކާ އިރު އަހަރެއްގެ މައްޗަށް ފަސް ޕަސެންޓް އިންޓްރެސްޓް ގޮތުގައި ނަގާނެ ކަމަށެވެ. އަދި އެ ހިދުމަތް ބޭނުން ކުރެވޭނީ އެމެރިކަން އެކްސްޕްރެސް ކާޑް ގެންގުޅޭ ފަރާތްތަކުގެ ތެރެއިން ކާޑަށް ގަވާއިދަށް ފައިސާ ދައްކަވާ ފަރާތްތަކަށެވެ.