09 Dec 2015, 16:10
އަމީނިއްޔާ ސްކޫލް ގޯތިތެރޭގައި ހުރި ގަހެއްގެ އޮފިގަނޑެއް ވެއްޓި ޓެކްސީއެއްގެ ބިއްލޫރިގަނޑު ތަޅައިގެން ހިނގައްޖެ އެވެ.
އަމީނިއްޔާ ސްކޫލުން ގައުމީ ދާރުލް އާސާރާވީ ފަޅި، ލިލީމަގާދިމާލު ފާރު އިއްޔެ ތަޅާލާފައި ވަނީ ތަން މަރާމާތު ކުރުމަށެވެ. އޮފިގަނޑު ވެއްޓުނު ވަގުތު އެ ސަރަހައްދުގައި ހުރި 'ސަން'ގެ ނޫސްވެރިއަކު ބުނީ އޮފިގަނޑު ވެއްޓުނީ އޮފިގަނޑު އިރައިގެން ގޮސްގެން ކަމަށެވެ.
އޮފިގަނޑު ވެއްޓި ޓެކްސީގައި ޖެހި އެ ޓެކްސީގެ ބިއްލޫރު ގަނޑު ތަޅައިގެން ދިޔަ މަންޒަރު ވެސް 'ސަން'ގެ ނޫސްވެރިންނަށް ވަނީ ފެނިފަ އެވެ. ވެޓިފައި ވަނީ އަމީނިއްޔާ ސްކޫލުތެރޭގައި ހުރި އޮފިއެލޭ ގަހެއްގެ ބަޔެކެވެ. އެ ސަރަހައްދުގައި ފުލުހުން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.
"ޓެކްސީގެ ފަހަތު ބިއްލޫރިގަނޑު އެއްކޮށް ތަޅައިގެން ގޮސްފަ އޮތީ. އެކަމަކު އެއްވެސް މީހަކަށް ގެއްލުމެއް ނުވޭ،" މަންޒަރު ދުށް މީހަކު ސަން އަށް ކިޔައިދިނެވެ.
ފުލުހުން ބުނީ މިއަދު 14:50ގައި ކާރެއްގެ މައްޗަށް ގަހެއްވެއްޓިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށާއި މިހާރު ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދާ ކަމަށެވެ.