ނަވާރަސަތޭކަ ނުވަދިހަ އަށް ވަނަ އަހަރު އައްޑު އަތޮޅުގައި ބޭއްވި މިއުޒިކް ޝޯއެއްގައި ލަވަކިޔުމުގެ ދުނިޔެ އަށް ތަޢާރަފްވި އައިމިނަތު ޝާނީޒް، 13 އަހަރަށް ފަހު ލަޔަކިޔުން ހުއްޓާލައިފި އެވެ.

ދީނީ ކަން ކަމަށް ލޯބިކުރާ ޝާނީ މިއަދު ސަން އަށް ދެއްވި އިންޓަވިއުއެއްގައި ބުނީ ލަވަކިޔުމަކީ ކޮން ކަހަލަ ކަމެއްތޯ ބަލައި އެކަމާ ބެހޭ ގޮތުން މައުލޫމާތު އެއްކުރަމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެ ކަމަށާއި އެ ހޯދުންތަކަށް ފަހު ލަވަކިޔުން ހުއްޓާލީ ލަވަކިއުމަކީ "ދީނީ ގޮތުން ވެސް ހަރާން ކަމެއް ކަމަކަށް" ގަބޫލު ކުރެވިގެން ކަމަށެވެ.

"ލަވަކިޔުމުގެ ތެރޭގައި އެހާ ދުވަހު އުޅުނު އިރު ވެސް އެއްވެސް ހިތްހަމަޖެހުމެއް ނުލިބޭ. އަދި އެކަމަކީ ދީނީ ގޮތުން ވެސް އެހާ ރަނގަޅު ކަމެއް ނޫން. އަދި ހަރާން ވެސް ކަމެއް. ލަވަކިޔުމާ ދޭތެރޭގައި އަހަރެން އެހާ ހިތްހަމަނުޖެހޭ ކަން ކައިރީގައި އުޅޭ އަދި މި ދާއިރާގައި އުޅޭ ބައެއް ރައްޓެހިންނަށް ވެސް އެނގޭނެ،" ޝަނީ ބުންޏެވެ.

ޝާނީ ވަނީ ލަވަކިއުން ހުއްޓާލުމަށް ފަހު އިއްޔެ ބުރުގާ ވެސް އަޅައިފަ އެވެ.

ޝާނީގެ ކުރީގެ ފިރިމީހާ ހަސަން ނާގިތު އަދި ޝާނީގެ ދަރިފުޅުގެ ބައްޕަ ބުނި ގޮތުގައި ޝާނީ ލަވަކިޔުން ހުއްޓާލުމުގެ ވިސްނުމެއް ގެންގުޅޭތާ މިހާރު ދުވަސްކޮޅެއް ވެއްޖެ އެވެ.

"ރަސްމީކޮށް އެކަން އިޢުލާންކޮށްފައި ނުވި ނަމަވެސް ޝާނީ އިއްޔެ ވަނީ ބުރުގާ އެޅުމަށް ފަހު ދެން ދުވަހަކު ވެސް ލަވަ ނުކިޔަން ނިންމާފައި،" ނާގިތް ބުންޏެވެ.

ގިނަ އަދަދެއްގެ ޝޯތަކާއި ވީޑިއޯ ލަވަތައް ހުށަހަޅާދީފައިވާ ޝާނީ ބުނީ އޭނާގެ ލަވަތައް ޓީވީތަކުން ނުދެއްކުމަށް ރަސްމީކޮށް އެދިފައި ނުވި ނަމަވެސް އޭނާ ބޭނުން ވަނީ އެކަންތައް އެގޮތަށް ނުވުމަށް ކަމަށެވެ.

ރާއްޖޭގެ ގިނަ ބައެއްގެ މަޤްބޫލްކަން ހޯދާފައިވާ ޝާނީ އަކީ އެހެން ލަވަކިޔުންތެރިންނާ މުޅިން ތަފާތު "ޔުނިކް" އަޑެއްގެ ވެރިއެއް ކަމަށް ގިނަ ބަޔަކު ޤަބޫލް ކުރެ އެވެ.

ޝާނީ ލަވަކިއުން ހުއްޓާލި އިރު އޭނާ ވަނީ އަމިއްލަ ރާގާއި ކޮޕީ ރާގުގެ 100 އަށް ވުރެ ގިނަ ލަވަ ކިޔައިފަ އެވެ.

ޝާނީ ލަވަކިޔުމުގެ ތެރެއަށް ތައާރަފްވެގެން އައިސްފައި ވަނީ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިން ކަމުގައިވާ ޖޭމު ދޮން ކަމަނަމެން ފަދަ މަޝްހޫރު ފަންނާނުންގެ ލަވަތަކުންނެވެ. އެއަށް ފަހު ވަރަށް ގިނަ އަމިއްލަ ޝްޓައިލްގެ ލަވަތައް ވެސް އޭނާ ވަނީ ކިޔައިފަ އެވެ. ނަމަވެސް 2008 ވަނަ އަހަރު ދިވެހިންނަށް ވަކިން ޙާއްސަކޮށް، ޝާނީގެ ލަވައަށް ލޯބިކުރާ "ފޭނުން"ނަށް މުޅިން އާ ރަހަތަކެއް އޭނާ ގެނެސްދޭން ފެށީ ލަންކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އިރާޒާ ގުޅުނު ހިސާބުން ފެށިގެންނެވެ.

ޝާނީ ލަވަކިޔުމާ މުޅިން ދުރަށް ދާން ނިންމި އިރު މަޝްހޫރު އެތައް ފަންނާނުންނަކާ އެކު މި މަހު 30ގައި މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ޝޯއެއްގައި މިރާޒް ގްރޫޕާ އެކު ޝާނީ ވަނީ ޕާފޯމް ކުރާ ގޮތަށް ނިންމައިފަ އެވެ. އަދި އެ ނިންމުމާ ގުޅިގެން ވަރަށް ގިނަ މައްސަލަތަކެއް ވެސް ކުރިމަތިވި ކަމަށާއި ނަމަވެސް އެ ޝޯގައި ބައިވެރި ނުވެވޭނެ ކަން އެއް މަސް ދުވަސް ކުރިން އެމީހުންނަށް އަންގާފައިވޭނެ ކަމަށް ވެސް ޝާނީ ބުންޏެވެ.

ލަވަކިޔުމުގެ ތެރެއަށް ވަނުމުގެ ކުރިން އާފަތިސް ނޫހުގައި ރިޕޯޓަރެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފައިވާ ޝާނީ ވަނީ ބައިނަލްއަގުވާމީ ކުޑަކުދިންގެ ބްރޯޑްކާސްޓިން ދުވަސް ރާއްޖޭގައި ފާހަގަ ކުރި ފުރަތަމަ ފަހަރު، ޓީވީއެމުން ބޭއްވި ޝޯއެއްގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމާ އިންޓަވިއުކޮށްފަ އެވެ.

ކްލެފް ބޭންޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނާގިތާ 1998 ވަނަ އަހަރު ޝާނީ ގުޅި އޭގެ އެއް އަހަރު ފަހުން ވަނީ ޖަވާޒީ ހަޔާތެއް ފަށާފައިފަ އެވެ. ނަމަވެސް އެ ކައިވެނި މިހާރު ވަނީ ރޫޅިފަ އެވެ.