ހުޅުމާލެ އާއި މާލެއާ ދެމެދު އަޅާ ބުރިޖްގެ މަސައްކަތްތައް ކުރުމަށް އެ ސަރަހައްދު ބަންދުކުރާތީ، ބޮޑެތި މުދާ އުފުލާ އުޅަނދުފަހަރު މާލޭ ބަނދަރަށް ވަންނަ ރޫޓަށް ބަދަލު ކުރަން ނިންމައިފި އެވެ.

ބޭރުން މުދާ ހިފައިގެން ރާއްޖެ އަންނަ އާގުބޯޓް ފަހަރު މިހާރު މާލޭ ކޮމާޝަލް ހާބަރަށް ވަންނަނީ، ހުޅުލެ އާއި މާލެއާ ދެމެދު އޮންނަ ގާދޫކޮލު ސަރަހައްދުންނެވެ.

ނަމަވެސް މިހާރު އެ ރޫޓް ބަދަލުކުރާ ގޮތަށް ވަނީ ނިންމައިފަ އެވެ. އެމްޕީއެލްގެ އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވީ، ބުރިޖްގެ މަސައްކަތަށް އެ ސަރަހައްދު ބަންދުކުރުމުން މުދާ އުފުލާ ބޯޓްފަހަރު މާލޭ ބަނދަރަށް ވަނުމަށް ބޭނުންކުރާނީ ޕެރަޑައިޒް އައިލެންޑް ރިސޯޓާއި ޝެރަޓަން މޯލްޑިވްސް ފުލްމޫން ރިސޯޓް އެންޑް ސްޕާއާ ދެމެދަށްވާ ގޮތަށް އޮންނަ "ބޮޑުކަޅި" ކަމަށާއި ކުދި ބޯޓްފަހަރަށް ހަމަޖައްސާފައި ވަނީ މާލޭގެ ދެކުނު ފަރާތު، ވިލިގިއްޔާއި މާލެ އާ ދެމެދު އޮންނަ ކަނޑުއޮޅި ކަމަށެވެ. އެހެންކަމުން ބޮޑެތި ފަސިންޖާ ލައިންތައް ވެސް ދެން ބޭނުންކުރާނީ ބޮޑުކަޅި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ ބޭރުން އަންނަ ބޮޑެތި އުޅަނދުތަކަށް ފަސޭހައިން މާލޭ ބަނދަރަށް ވަނުމަށް ބޭނުންކުރެވޭނީ ބޮޑުކަޅި ކަމަށެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި ބުރިޖްގެ މަސައްކަތްތައް މިމަހު ފަހުކޮޅު ފެށޭވަރުވާނެ އެވެ. އެ މަސައްކަތްތައް ކުރުމަށް ރާޅުގަނޑު ސަރަހައްދު ވެސް މިހާރު ވަނީ ބަންދުކޮށްފަ އެވެ.

ގާދޫކޮލު ބަންދުކުރާނެ ސީދާ ދުވަހެއް އަދި ކަނޑައެއްނާޅަ އެވެ. ނަމަވެސް އޮފިޝަލް ވިދާޅުވީ ބުރިޖްގެ މަސައްކަތްތައް ފެށުމާ އެކު އެ ސަރަހައްދު ބަންދުކުރާނެ ކަމަށެވެ.