09 Dec 2015, 16:25
ނުވަވަނަ އޭޝިއަން ޔޫތު ނެޓްބޯލް ޗެންޕިއަންޝިޕަށްދާ 21 އަހަރުން ދަށުގެ ގައުމީ ނެޓްބޯޅަ ޓީމްގެ ކުޅުންތެރިންނަށް ޖާޒީ ހަވާލުކޮށްފި އެވެ.
ސަލްސާ ރޯޔަލްގައި ރޭ ބޭއްވި ޚާއްސަ ޙަފްލާއެއްގައި ނެޓްބޯޅަ ޓީމްގެ ކުޅުންތެރިންނަށް ޖާޒީ ހަވާލުކޮށްދެއްވީ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ މުޙައްމަދު މާޙިދު ޝަރީފެވެ. ނުވަ ވަނަ އޭޝިއަން ޔޫތު ނެޓްބޯލް ޗެންޕިއަންޝިޕް އޮންނާނީ މިމަހުގެ 14 އިން 20 އަށް ހޮންކޮންގަ އެވެ. އެ މުބާރާތުގައި ރާއްޖެ ރޭންކް ކޮށްފައިވަނީ ހަތްވަނައިގަ އެވެ.
މިމުބާރާތުގައި ރާއްޖެ ހިމެނޭ ގްރޫޕް އޭގައި ދެން ހިމެނޭ ގައުމުތަކަކީ މެލޭޝިޔާއާއި ޖަޕާނެވެ. މިމުބާރާތުގެ ފުރަތަމަ މެޗްގައި މިމަހުގެ ސާދަވަނަ ދުވަހު ރާއްޖެ ނިކުންނާނީ މެލޭޝިޔާއާ ދެކޮޅަށް، އަދި ދެވަނަ މެޗްގައި ރާއްޖެ ޖަޕާނާ ވާދަކުރުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 15 ވަނަ ދުވަހެވެ. ހަތަރު ގްރޫޕް ހިމެނޭ މިމުބާރާތުގެ ކޮންމެ ގުރޫޕެއްގައި ވެސް ތިން ޓީމް ހިމެނޭއިރު ދެވަނަ ބުރަށްދާނީ ކޮންމެ ގްރޫޕަކުން ވެސް ދެ ޓީމެވެ. މިމުބާރާތުގައި ރާއްޖޭގެ ޓީމުން އަމާޒު ކަނޑައަޅާފައި ވަނީ ގްރޫޕް ސްޓޭޖް ފަހަނަ އަޅައި އިތުރު ހަރުފަތަކަށް ދިއުމަށެވެ.
މުބާރާތް ހުޅުވާ މެޗުގައި ބައްދަލު ކުރާނީ ރާއްޖެ އާއި މެލޭޝިޔާ އެވެ. އަދި ދެވަނަ މެޗުގައި މި މަހުގެ 15 ވަނަ ދުވަހު ރާއްޖެ ނުކުންނާނީ ޖަޕާނާ ދެކޮޅަށެވެ.
ޖުމްލަ 32 މެޗު ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ދެވަނަ ބުރަށް ދާނީ ކޮންމެ ގްރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.
ރާއްޖޭގެ 21 އަހަރުން ދަށުގެ ނެޓްބޯޅަ ޓީމު އެކުލަވާލައި މި މުބާރާތައް ތައްޔާރުވުމަށް ރާއްޖޭގެ ޓީމު ފަރިތަކުރުންތައް ފަށާފައިވާ އިރު، ޓީމުގެ ކޯޗުގެ ގޮތުގައި ހަރަކާތްތެރި ވަނީ މަޝްހޫރު ކުޅުންތެރިޔާ އައިމިނަތު ހަލީމް (ދިލް) އެވެ. ޓީމުގެ މެނޭޖަރަކަށް ހަމަޖައްސާފައި ވަނީ ފަޒްނާ ޖަލީލެވެ.