ރާއްޖޭގައި ދިމާވާ ސިއްހީ ހިދުމަތް ދިނުމުގެ މައްސަލަތައް ބެލޭނެ ހަރުދަނާ ނިޒާމެއް ހެލްތު މިނިސްޓްރީގެ ތެރެއިން ގާއިމް ކުރެވިފައި ނެތް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނެފި އެވެ.

މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގުވާމީ އެންޓި ކޮރަޕްޝަން ދުވަހާ ގުޅިގެން އޭސީސީ އިން ނެރުނު ސިއްހީ ދާއިރާގެ ކޮރަޕްޝަން ރިސްކް އެސެސްމެންޓް ރިޕޯޓުގައި، ދާއިރާގައި ހުރި މައްސަލަތަކާ ގުޅޭ ގޮތުން ވަނީ އަލި އަޅުވާލައިފަ އެވެ. އެގޮތުން ސިއްހީ ދާއިރާއަށް މުވައްޒަފުން ހަމަޖެއްސުމާއި މެޑިކަލް ސަޕްލައިސް އަދި މެޝިނަރީ ގަނެ ފޯރުކޮށްދިނުމުގައި ދިމާވާ މައްސަލަތަކާ ބެހޭ ގޮތުން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ސިއްހީ ދާއިރާގެ ކޮރަޕްޝަން ރިސްކް އެސެސްމެންޓް ރިޕޯޓުގައި ބުނެފައި ވަނީ ފަންނީ މުވައްޒަފުން ވަޒީއަށް ނެގުމުގައި އަމަލުކުރާނެ ލިޔުމުން އެކުލަވާލެވިފައި ނުވާ ކަމަށާއި އެކަން ލިޔުމުން އެކުލަވާލާފައި އޮންނަން ޖެހޭ ކަމަށެވެ. އަދި ސެޕްޝަލިސްޓް ޖެނެރަލް ޑޮކްޓަރުން ފަދަ މަގާމުތަކަށް މުވައްޒަފުން ހަމަޖައްސާނެ ހަރުދަނާ ސްކްރީންނިންގް ޕްރޮސެސްއެއް ވެސް ސިއްހީ ދާއިރާގައި ނެތް ކަމަށް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގުވާމީ އެންޓި ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވި ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ -- އަލީ ނަސީރު

"ސިއްހީ ހިދުމަތް ދިނުމުގައި ދިމާވާ މައްސަލަތަކާ ގުޅޭ ގޮތުން ޝަކުވާކުރެވޭނެ އަދި ބެލޭނެ ހަރުދަނާ ނިޒާމެއް ގާއިމްކުރެވިފައި ނެތް،" ސިއްހީ ދާއިރާގެ ކޮރަޕްޝަން ރިސްކް އެސެސްމެންޓް ރިޕޯޓްގައިވެ އެެވެ.

ރިޕޯޓުގައި ފާހަގަކުރި ބައެއް ކަންކަން

  • ފަންނީ މުވައްޒަފުން އެއްރަށުން އަނެއް ރަށަށް ބަދަލުކުރުމުގައި އަމަލުކުރާނެ އުސޫލެއް ލިޔެކިއުމުން އެކުލަވާލާފައި ނެތުން
  • ރެކްރޫޓްމަންޓް އެޖެންސީތަކުން ހިންގާ އޮޅުވާލުމާއި މަކަރު ހެދުމުގެ ހަރަކާތްތައް ފާހަގަ ކުރެވޭ ހާލަތުގައި ވެސް ގާނޫނީ ފިޔަވަޅު އެޅިފައި ނެތުން
  • މިނިސްޓްރީ އާއި އެސްޓީއޯއާ ދެމެދު އެއްބަސްވެފައިވާ އެމްއޯޔޫގެ ދަށުން މަސައްކަތްކުރާނެ އުސޫލުތަކާއި ގައިޑްލައިންތައް ލިޔުމުން ގާއިމްކުރެވިފައި ނެތުން
  • މުޅި ރާއްޖޭގެ ހެލްތް ރިކުއަމަންޓެއް ހެދިފައި ނެތުން
  • ސްޓޮކް އަދި އިންވެންޓަރީ ބަލަހައްޓާނެ ރަނގަޅު ނިޒާމެއް ނެތުން

މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގުވާމީ އެންޓި ކޮރަޕްޝަން ދުވަހުގެ މުނާއްސަބަތުގައި ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ހެލްތް މިނިސްޓަރު އިރުތިޝާމް އާދަމް ވާހަކަފުޅު ދައްކަވަނީ -- ސަންފޮޓޯ އަލީ ނަސީރު

އެންޓި ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވީ ސިއްހީ ދާއިރާ ހަރުދަނާކުރުމަށް އޭސީސީ އިން އެކުލަވާލި ސިއްހީ ދާއިރާގެ ކޮރަޕްޝަން ރިސްކް އެސެސްމެންޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލާނެ ކަމަށެވެ. އަދި އެ ރިޕޯޓަކީ ފައިދާ ހުރި ރިޕޯޓެއްކަން ފާހަގަކުރައްވައި މިނިސްޓަރު އިރުތިޝާމް ވަނީ އޭސީސީ އަށް ޝުކުރު އަދާ ކުރައްވާފަ އެވެ.

"މިފަދަ އަމިއްލަ މުއައްސަސާތަކުން އެންޓި ކޮރަޕަޝަން ކޮމިޝަން ފަދަ ފަރާތްތަކުން ސަރުކާރުގެ އެކި އޮފީސްތަކުގައި މި ބޭނުންވާ އިންޑިޕެންޑެންޓް އިންކުއަރީ ހައްދަވާދެއްވައި މިކަމަށް ބިނާކޮށް ރަނގަޅުކުރަން ޖެހޭ ކަންތައްތައް ހުރިއްޔާ އެކަން ހުށަހަޅުއްވައި ދެއްވުމަށް، އަޅުގަނޑުމެން މަރުހަބާ ކިޔަން،" އިރުތިޝާމް ވިދާޅުވި އެވެ.

ސިއްހީ ދާއިރާ އިން ކޮރަޕްޝަން ނައްތާލައި އެ ދާއިރާ ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ހެލްތު މިނިސްޓްރީ އިން ކުރަމުންދާ ކަމަށް އިރުތިޝާމް ފާހަގަކުރެއްވި އެވެ. އެގޮތުން އެކަށީގެންވާ ރަނގަޅު ޕްލޭނެއް އެކުލަވާލައިގެން ކުރިއަށް ދިއުމަށް މަޝްވަރާ ކުރެވެމުންދާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.