ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ވަކީލު އަދި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމުގެ މައްސަލައެއް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން އަންގައިގެން ފުލުހުން ބަލަން ފަށައިފި އެވެ.

ޝަމީމުގެ މައްސަލަ އެއް ބަލަމުންދާކަން ފުލުހުން ވަނީ 'ސަން' އަށް ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ފުލުހުން ނުބުންޏެވެ.

އަދީބުގެ ވަކީލެއްގެ ގޮތުގައި ޝަމީމު ހުރި ނަމަވެސް ދިވެހި ރާއްޖޭގެ އެއްވެސް ކޯޓެއްގައި ވަކާލާތު ކުރުމުގެ ހުއްދަ ވަކި މުއްދަތެއް ނެތް ގޮތަށް ޝަމީމުގެ އަތުން ވަނީ ނަގައިފަ އެވެ. ޝަމީމް ސަސްޕެންޑް ކުރުމަށް ފަހު ޑީޖޭއޭ އިން ނެރުނު ބަޔާނެއްގައި ބުނީ "ޤާނޫނި ވަކީލު ޙުސައިން ޝަމީމް، ހ. ޝޭޑީ ކޯނަރު، ދިވެހި ރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުން ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުން ވަގުތީ ގޮތުން މަނާކުރައްވައިފި" ކަމަށެވެ.

އެކަމާ ގުޅިގެން ޝަމީމް ވިދާޅުވެފައި ވަނީ ސަސްޕެންޑް ކުރިކަން އޭނާ އަށް އަންގާފައި ނުވާ ކަމަށެވެ.