ވޮޝިންޓަން (ޑިސެމްބަރ 9):އެމެރިކާ އަށް ކުރާ ވިސާ-ފްރީ ދަތުރުތަކުގެ ކޮންޓްރޯލް ވަރުގަދަކޮށް، ފްރީ ވީސާގައި އެމެރިކާ އަށް ނުވަދެވޭ ގޮތަށް ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް އިން އިއްޔެ ފާސްކޮށްފި އެވެ.

އެ ބިލް ފާސްކުރުމުގެ ސަބަބުން ސީރިޔާ، އިރާގް، އީރާން އަދި ސޫދާނަށް ފާއިތުވި ފަސް އަހަރުގެ ތެރޭގައި ޒިޔާރަތް ކޮށްފައިވާ މީހަކަށް ވިސާ ވައިވާ ޕްރޮގްރާމްގެ ދަށުން އެމެރިކާއަކަށް ނުވަދެވޭނެ އެވެ.

ވިސާ ވައިވާ ޕްރޮގްރާމަކީ 90 ދުވަހަށް ނުވަތަ އެއަށް ވުރެ ކުރު މުއްދަތަކަށް އެމެރިކާ އަށް ޒިޔާރަތް ކުރާ ނަމަ ވިސާއަކާއި ނުލައި އެމެރިކާ އަށް ވަނުމަށް ހުއްދަދޭ ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމްގައި 38 ގައުމު ހިމެނެ އެވެ.

ްިއިއްޔެ ދަށުގެއިން އެ ބިލް ފާސްކޮށްފައި 407 ވޯޓުގެ އަޣުލަބިއްޔަތުންނެވެ. އެ ބިލް ސެނެޓުން ފާސްކޮށް ރަސްމީކޮށް ގާނޫނަކަށް ހެދުމުން ވިސާ ވައިވާ ޕްރޮގްރާމްގެ ދަށުން އެމެރިކާ އަށް ޒިޔާރަތް ކުރާ ފަރާތްތަކަކީ ޓެރަރިޒަމްއާ ގުޅުން ހުރުމުގެ ސަބަބުން ނުވަތަ އެހެންވެސް ކުށަކާ ގުޅިގެން ސަލާމަތީ ފަރާތްތަކުން ހޯދާ މީހެއްތޯ އިންޓަޕޯލް މެދުވެރިކޮށް ބަލާނެ އެވެ. އަދި ޕްރޮގްރާމްގައި ބައިވެރިވާ ހުރިހާ ގައުމުތަކުގައި އިލެކްޓްރޯނިކް ޕާސްޕޯޓް ތައާރަފް ކުރަން ޖެހޭނެ އެވެ.

ވިސާ ވައިވާ ޕްރޮގްރާމްގެ ދަށުން ކޮންމެ އަހަރަކު 20 މިލިއަނާ ގާތްކުރާ ވަރަށް މީހުން އެމެރިކާ އަށް ޒިޔާރަތްކުރެ އެވެ.