ޕޮޕް މިއުޒިކް އިންޑަސްޓްރީގައި އެންމެ ނަން މަޝްހޫރު އާޓިސްޓް ޓޭލާ ސްވިފްޓް މިއުޒިކްގެ ދާއިރާ އިން ތިން އަހަރަށް ދުރަށް ޖެހެން އުޅޭ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

ހޮލީވުޑްގެ މުނިފޫހި ފިލުވުމުގެ ހަބަރު ގެނެސްދޭ "ހޮލީވުޑް ލައިފް" އިން ބުނެފައިވަނީ ސްވިފްޓްގެ 1989 ޓުއާ ނިމުމުން "އެކްސްޓެންޑެޑް ބްރޭކް"އެއް ނެގުމަށް އޭނާ ނިންމާފައިވާ ކަމަށެވެ.

ނަމަވެސް އޭނާ ބްރޭކް ނަގަނީ ކިހާ މުއްދަތަކަށް ކަމެއް ހޮލީވުޑް ލައިފް އަކަށް އެނގިފައެއް ނުވެއެވެ. ހޮލީވުޑް ލައިފް އިން ބުނީ ސްވިފްޓް މިއުޒިކް ދާއިރާ އާ ދުރަށް ދިޔުމަށް ނިންމާފައި ވަނީ އާއިލާއާއެކު ވަގުތު ހޭދަ ކުރުމަށް ކަމަށެވެ.

"ސެވެންޓީން މެގަޒިން" އަށް ސޯސް އެއް ފަރާތުން ލިބިފައިވާ މައުލޫމާތުގައި ބުނެފައި ވަނީ ސްވިފްޓް ތިން އަހަރަށް މިއުޒިކްއާ ދުރަށް ދާނެ ކަމަށެވެ.

"ޓުއާސް ނިމުމާއެކު ޓޭލާ ނަގާނެ ބޮޑު ޗުއްޓީއެއް. ނަމަވެސް ރަނގަޅު ވަގުތެއް ވެއްޖެ ކަމުގައިވާނަމަ އެހެން އާޓިސްޓުންނާ ކޮލެބޮރޭޓް ކޮށް މިއުޒިކް ލިޔެ ހަދާނެ. ނަމަވެސް އެއްވެސް އާ އަލްބަމެއް އެދޭތެރޭގައި ނެރެފާނެ ކަމަށް އެއްވެސް ފަރާތެއް އުއްމީދު ނުކުރުމަށް ޓޭލާ ދަނީ ބުނަމުން،" ސެވެންޓީން މެގަޒިންގެ ސޯސް ވަނީ ބުނެފައެވެ.

ސްވިފްޓް އާންމު ގޮތެއްގައި މިއުޒިކް އަލްބަމް އެއް ނެރެނީ ކޮންމެ ދެ އަހަރަކުން އެއް އަހަރަކު އެވެ. އޭނާގެ އެންމެ ފަހުގެ އަލްބަމް "1989" ނެރުނީ މިދިޔަ އަހަރުއެވެ. އެހެން ކަމުން ކުރީގެ ގޮތައް ބަލާއިރު އަންނަ އަހަރު އޭނާގެ އަލްބަމް ނެރޭނެއެވެ. ނަމަވެސް ޗުއްޓީ ނެގުމާއެކު އޭނާގެ ދެން އޮތް އަލްބަމް ނެރޭނީ ތިން އަހަރު ފަހުންނެވެ.