09 Dec 2015, 12:59
ބޮލީވުޑްގެ މަޝްހޫރު ބަތަލާ ރާނީ މުކަރްޖީ އަންހެން ކުއްޖަކު ވިހައިފި އެވެ.
ރާނީއަށް އަންހެން ކުއްޖަކު ލިބުނުކަން ހާމަކޮށްފައި ވަނީ މިއަދު އޭނާ ނެރުނު ޕްރެސް ސްޓޭޓްމަންޓެއްގަ އެވެ.
އެ ސްޓޭޓުމަންޓުގައި ރާނީ ބުނީ، އޭނާ އަށް ދިރިއުޅުމުގައި ލިބުނު އެންމެ ބޮޑު ހަދިޔާ އަކީ އޭނާގެ އަންހެން ދަރިފުޅު "އާރިދާ" ކަމަށެވެ.
"އަހަރުމެންނަށް ދިރިއުޅުމުގައި ލިބުނު އެންމެ ބޮޑު ހަދިޔާ އަކީ ދަރިފުޅު 'އާރިދާ'. އަހަންނަށް ހެޔޮ ދުއާ ކޮށްދިން ފަރާތްތަކަށާއި، ފޭނުންނަށް ޝުކުރު އަދާކުރަން. އަހަރުމެންގެ ދިރިއުޅުމުގެ އާ ސޮފްހާ އުފަލާއެކު ފަށައިގަންނަން،" ރާނީ ބުންޏެވެ.
ރާނީ ވިހާފައި ވަނީ މިއަދު ހެނދުނު މުމްބާއީގެ ބްރީޗް ކޭންޑީ ހޮސްޕިޓަލުގައެވެ.
ރާނީ އަށް އަންހެން ކުއްޖަކު ލިބުމާއި ގުޅިގެން ބޮލީވުޑްގެ ގިނަ ތަރިންތަކެއް އަންނަނީ އެ އާއިލާއަށް މަރުހަބާ ކިޔަމުންނެވެ.
ރާނީ ވިހާނެ ކަމަށް ޑޮކްޓަރުން ލަފާކޮށްފައި ވަނީ އަންނަ ޖެނުއަރީ މަހުގަ އެވެ.