ފޮރިން މިނިސްޓަރު ކަމަށް އައްޔަނު ކުރައްވާފައިވާ މަސްއޮޑި އަހްމަދު ނަސީމާއި އެޓާނީ ޖެނެރަލް ކަމަށް އައްޔަން ކުރައްވާފައިވާ އަލްއުސްތާޒު ޢަބްދުﷲ މުޢިއްޒަށް ރުހުން ދިނުމުގެ މައްސަލައިގައި ޑީއާރްޕީން ނެރޭނީ ފްރީ ވިޕެއް ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރު ތުލުސްދޫ ދާއިރާގެ ރޮޒެއިނާ އާދަމް ވިދާޅުވެއްޖެ އެވެ.

ސަންއަށް މައުލޫމާތު ދެއްވަމުން ރޮޒެއިނާ މިއަދު ވިދާޅުވީ، އެކަމަށްޓަކައި ބޭއްވި ޑީއާރްޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ބައްދަލުވުމުގައި، އެބޭފުޅަކަށް ފެންނަގޮތަށް އެ މައްސަލައިގައި ވޯޓުލުމަށް ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ނިންމާފައި މިވަނީ ފްރީ ވިޕަކަށް. އެއީ އެ ދެ ބޭފުޅުންކުރެ އެއްބޭފުޅެއްގެ ވެސް ފާހަގަކޮށްލެވޭ ސްޓްރޯންގް މައްސަލަތަކެއް ނެތުމުން،" ރޮޒެއިނާ ވިދާޅުވި އެވެ.

ރޮޒެއިނާ އަދި ވިދާޅުވީ، ޑީއާރްޕީއާއެކު ޕާލަމެންޓްގައި ކޯލިޝަން ހަދާފައިވާ، ޕީއޭގެ ވިސްނުން އެ މައްސަލައިގައި އެނގިވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް ގިނަ ކަންތައްތަކުގައި ޑީއާރްޕީގެ ވިސްނުމާ އެއްގޮތަށް ޕީއޭގެ ވިސްނުން ހުންނާތީ އެ މައްސަލައިގައި ވެސް ޕީއޭގެ ވިސްނުން ހުންނާނީ ޑީއާރްޕީގެ ވިސްނުމާ އެއްގޮތަކަށް ކަމަށް ބެލެވޭކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޕީއޭގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ޝަރީފް އާދަމް ވިދާޅުވީ، ނަސީމާއި މުއިއްޒަށް ރުހުން ދިނުމާ ބެހޭގޮތުން ޕީއޭއިން ގޮތެއް ނިންމާނީ ޕާލަމެންޓްރީ ގްރޫޕުން ކަމަށެވެ. ނަމަވެސް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ރައީސް އަހްމަދު ނާޒިމް ފޯނު ނުނަންގަވާތީ އެކަމުގައި ޕީއޭއިން ނިންމާފައިވާ ގޮތެއް އެނގޭ ގޮތެއް ނުވިއެވެ.

އަންނަ ހޯމަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ނަސީމް އާއި މުއިއްޒަށް ރުހުން ދިނުމުގެ މައްސަލަ ވަނީ އެޖެންޑާކޮށްފަ އެވެ.

ހޯމަ ދުވަހުގެ އެޖެންޑާގައިވާ ގޮތުން މުއިއްޒާއި ނަސީމުގެ ނަން ދިރާސާކުރި، ސަރުކާރުގެ މަސްއޫލިއްޔަތު ބަލާ ކޮމިޓީގެ ރިޕޯޓް މަޖިލީހަށް ހުށަހަހަޅާނެ އެވެ. ކޮމިޓީން ހުށަހަޅާ ރިޕޯޓަށް ބަހުސް ކުރުމަށްފަހު، އެ ދެ ނަމަށް ރުހުން އޮތްތޯ ބެލުމަށް ވޯޓަށް އަހާނެ އެވެ.

އެޓަނީ ޖެނެރަލްގެ އޮފީހުގެ ސޮލިސިޓާ ޖެނެރަލް ކަމުގެ މަގާމުގައި މިހާތަނަށް ހުންނެވި، އަބްދުﷲ މުއިއްޒު ހުސްވި މަހު 22ގައި އެޓާނީޖެނެރަލް ކަމުގެ މަގާމަށް އައްޔަންކުރައްވާފައި ވަނީ ކުރިން އެ މަގާމުގައި ހުންނެވި ޑރ. އަހްމަދު އަލީ ސަވާދަށް ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިނުމުގެ ސަބަބުންނެވެ.

ނަސީމް މިހާތަނަށް ހުންނެވީ މިނިސްޓާ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒްގެ މަގާމުގަ އެވެ. އޭނާއަށް ފޮރިން މިނިސްޓަރުކަން ލިބިވަޑައިގެންފައި ވަނީ ކުރިން އެމަގާމުގައި ހުންނެވި، ޑރ. އަހްމަދު ޝަހީދަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ނުލިބުމުގެ ސަބަބުން މަގާމުން އިސްތިއުފާދެއްވިތާ ދުވަސްތަކެއް ފަހުންނެވެ.