09 Dec 2015, 13:08
ކޮރަޕްޝަންގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅޭފަދަ ހަރުދަނާ ގާނޫނީ ނިޒާމެއް ބޭނުންވާ ކަމަށާއި އެކަން ކުރުމުގެ ހިތްވަރު މަޖިލީހުގެ މެމްބަރުންގެ ކިބައިގައި ހުންނަން ޖެހޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރު އައިމިނަތު މިންނާ ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރަމުންދާ ބައިނަލް އަގުވާމީ އެންޓި ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިންނާ ވިދާޅުވީ ގާނޫނުލްއުގޫބާތަށް އަމަލުކުރަން ފެށުމާއެކު އޭސީސީގެ ގާނޫނަށް ގެނަންޖެހޭ ބަދަލުތައް ގެނެސްދިނުމަށް ވަކި ވަކި މުއައްސަސާތަކަށް "ތަކުރާރުކޮށް ދެންނެވިން" ކަމަށެވެ.
މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގުވާމީ އެންޓި ކޮރަޕްޝަން ދުވަހުގެ މުނާއްސަބަތުގައި ދަރުބާރުގޭގައި ބޭއްވި ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ -- އަލީ ނަސީރު
" އަޅުގަނޑުމެން މިދައްކާ ވާހަކައަކީ ގާނޫނުއަސާސީގެ 199 ވަނަ މާއްދާގެ (ނ) ގައި ގާނޫނަކުން ކޮރަޕްޝަނަކީ ކޮބައިކަން ބަޔާންކުރަންޖެހޭ ވާހަކަ. ގާނޫނުލްއުގޫބާތައް އަމަލުކުރަން ފެށިފަހުން ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމާބެހޭ ގާނޫނުގެ ބައެއް މާއްދާތަކަށް އަމަލުކުރެވޭނެތޯ ސުވާލު އުފައްދާ ބަޔަކު އެބައުޅޭ. އެކަން ހަމަޔަކަށް އެޅެން އޮތީ އޭސީސީގެ ގާނޫނަށް އިސްލާހު ގެނެސްގެން"މިންނާ
ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެމްބަރަކީވެސް އޭސީސީގެ މަސައްކަތުގައި އެހީތެރިވުމުގެ ޒިންމާ ނަންގަވަންޖެހޭ ބައެއް ކަމަށާއި ނަމަވެސް ހިތާމަޔަކީ އޭސީސީގެ ގާނޫނަށް އިސްލާހުގެނެސް ދިނުމުގައި މަޖިލީހުން ކުރިއެރުމެއް ހޯދައިދީފައި ނުވުންކަން މިންނާ ވަނީ ފާހަގަ ކުރައްވާފަ އެވެ.
ވޭތުވެދިޔަ 2014 ވަނަ އަހަރު ކޮރަޕްޝަނާ ގުޅުންހުރި 38 މައްސަލައެއް އޭސީސީއިން ބެލުމަށްފަހު ޕީޖީ އޮފީހަށް ފޮނުވާފައިވާނެ ކަމަށް މިންނާ ވަނީ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުން ކޮރަޕްޝަނުގެ އަމަލެއް އޭސީސީއިން ބަލައި ޕީޖީއަށް ފޮނުވުމުން އެމައްސަލާގައި ޕީޖީ ދައުވާ އުފުލާނެ ކަމާމެދު ޝައްކެއް ނުއުފެދެ އެވެ.
މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގުވާމީ އެންޓި ކޮރަޕްޝަން ދުވަހުގެ މުނާއްސަބަތުގައި ދަރުބާރުގޭގައި ބޭއްވި ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ -- އަލީ ނަސީރު
އޭސީސީގެ ތަހުގީގީފެންވަރު އިތުރަށް ހަރުދަނާ ކުރަން ޖެހޭ ކަމަށް މިންނާ ވިދާޅުވި އެވެ. އަދި ތަފާސް ހިސާބުތަކަށް އަލި އަޅުވާލާ ވިދާޅުވީ ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން 10 ޕަސެންޓް މައްސަލަތައް ޕީޖީއާ ހަމައަށް ނުފޮނުވޭ ކަމަށެވެ.
" މިގޮތައް ދައުވާ އުފުލުމަށް ފޮނުވޭ މައްސަލަތައް ޝަރީއަތާ ހަމައަށް ނުފޮނުވޭނަމަ މިއީ އަޅުގަނޑުމެން ފުންކޮށް ވިސްނަންޖެހޭ ކަމެއް. އޭސީސީގެ ތަހުގީގުތަކުގެ ފެންވަރު އިތުރަށް މަތިކުރަންވީ ހުރިހާ އިދާރާތަކުންވެސް ގާނޫނީ ޒިންމާ އަދާކުރުމުގައި ފަސްނުޖެހި ކުރިއަށް ދާންވީ " މިންނާ
ދައުލަތުގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ ކޮރަޕްޝަނާ ދެކޮޅު ނަޒާހާތްތެރި ބަޔަކަށް ހަދަން ޖެހޭ ކަމަށް މިންނާގެ ވާހަކައިގައި ވަނީ ވިދާޅުވެފަ އެވެ. އޭގެ އިތުރުންވެސް އާންމުން ކޮރަޕްޝަނަށް ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްތައް އޭސީސީއިން އިސްނަގައިގެން ހިންގަމުންދާ ކަމަށް ވަނީ ވިދާޅުވެފަ އެވެ.
" ކޮރަޕްޝަނާ ދެކޮޅަށް ހޭލުންތެރު ކުރުމުގެ ޕްރޮގްރާމްތައް އޭސީސީއިން ހިންގަނީ މުޖުތަމައުގެ ވަރަށް ބޮޑު ބައިވެރިވުމާއެކު. ކޮރަމްޝަންގެ އަމަލުތައް އޭސީސީއަށް ރިޕޯޓުކުރުމުގައި އާންމުންނަށްވެސް ކޮރަޕްޝަނަކީ ކޮބައިކަން ރަނގަޅަށް އެނގެންޖެހޭ." މިންނާ ވިދާޅުވި އެވެ.
ގައުމީ ނަޒާހާތްތެރިކަމުގެ ފުރިހަމަ ނިޒާމެއް ގާއިމް ކުރުމުގެ ގޮތުން އޭސީސީއިން ދަނީ ޕްލޭނެއް އެކުލަވާލައި އެއާ އެއްގޮތަށް އަމަލުކުރަމުންނެވެ. އެގޮތުން ދައުލަތުގެ މުއައްސަސާތަކުން ކޮރަޕްޝަން ނައްތާލުން އެ ޕްލޭންގެ ތެރޭގައި ހިމެނެ އެވެ.
ނަޒާހާތްތެރިކަމާ ކޮރަޕްޝަނާ މެދު އާންމުން ހޭލުންތެރިކުރުވުމަށް "ބިތުފަންގ" ނަމުގައި ނެރުނު ބްލެޓިން : ބްލެޓިން ނެރެދެއްވީ އެޗްއާރުސީއެމްގެ ރައީސް އާއިޝަތު އީނާޝް -- ސަން ފޮޓޯ -- އަލީ ނަސީރު
ނެޝަނަލް އިންޓެގްރިޓީ ޕްލޭން
- ދައުލަތުގެ މުއައްސަސާތަކުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހުރި ފުރުސަތުތައް ނައްތާލުން
- ދައުލަތުގެ މުއައްސަސާތަކަކީ ހާމަކަމާއެކު މަސައްކަތްކުރާ އިތުބާރުކުރެވޭ ޒިންމާދާރު މުއައްސަސާތަކަކަށް ހެދުން
- އިޖުތިމާއި ގުޅުން ބަދަހިކޮށް މުޖްތަމައުގެ ކުރިއެރުމަށް މަސައްކަތްކުރުމުގައި ނަޒާހާތްތެރިކަން އިސްކޮށް ގުޅިގެން މަސައްކަތްކުރުން
- ޒުވާނުންނަކީ މުޖްތަމައުއަށް ފައިދާހުރި އަދި ނަޒާހާތްތެރި ބައެއް ކަމުގައި ހެދުން
- ސުކޫލު ދަރިވަރުން ނަޒާހަތްތެރިކުރުވުން
އޭސީސީއަށް ހުށަހެޅޭ މައްސަލަތައް ބަލައި އިންސާފުހޯފައި ދިނުމަކީ އެ ކޮމިޝަނުގެ އެންމެ ބޮޑު އެއް މަގުސަދުކަމަށް މިންނާ ވިދާޅުވި އެވެ. އަދި މައްސަލަތައް ބެލުމުގައި ގައުމީ މަސްލަހަތު ހިމެނޭ ބޮޑެތި މައްސަަލަތަކަށް އިސްކަންދޭނެ ކަމަށާއި ކުދި ކުދި މައްސަލަތައް ހައްލުކުރުމުގައިވެސް އަވަސް ނިޒާމެއް ކުރިއަށް އޮތްތަނުގައި ގާއިމް ކުރާނެ ކަމަށް މިންނާ ވަނީ ވިދާޅުވެފަ އެވެ.
އެންޓި ކޮރަޕްޝަން ދުވަހާ ގުޅިގެން ބޭއްވި ފޮޓޯ މައުރަޒުން އެއްވަނަ ހޯދި މުހައްމަދު އަހުމަދު ދީދީ އާއި ޕިޖީ ބިސާމް އިނާމް ހަވާލުކޮށްދެއްވަނީ -- ފޮޓޯ އަލީ ނަސީރު
މިއަދުގެ ޖަލްސާގައި އޭސީސީން އިސްނަގައިގެން އެންޓި ކޮރަޕްޝަން ދުވަހާ ގުޅިގެން ބޭއްވި ފޮޓޯ މައުރަޒުން ވަނަ ވަނައަށް ދިޔަ ފަރާތްތަކަށް ވަނީ އިނާމު ހަވާލުކޮށްދެއްވާފަ އެވެ. ވަނަތަކަށް ދިޔަ ފާރަތްތަކަށް އިނާމު ހަވާލުކޮށްދެއްވީ ޕްރޮސެކިއުޓަރ ޖެނެރަލް އާއިޝަތު ބިސާމް އެވެ.
އެންޓި ކޮރަޕްޝަން ފޮޓޯ މުބާރާތުގެ ވަނަތައް
- މުހައްމަދު އަހުމަދު ދީދީ
- މުހައްމަދު ސާމީ
- އަހުމަދު ނަވާޒް
މިއަދުގެ ޖަލްސާގައި ނަޒާހާތްތެރިކަމާ ކޮރަޕްޝަނާ މެދު އާންމުން ހޭލުންތެރިކުރުވުމަށް "ބިތުފަންގި" ނަމުގައި ވަނީ ބްލެޓިންއެއް ނެރިފަ އެވެ. އޭސީސީއިން ބުނީ ކޮންމެ ތިން މަހުން އެއްމަހު އެ ބްލެޓިންގް ނެރޭނެ ކަމަށެވެ. އެ ބްލެޓިންގައި ކޮރަޕްޝަނުގެ މަސައްކަތްތަކާއި ގުޅުން ހުރި މައުލޫމާތުތައް ހިމެނޭނެ ކަމަށް އޭސީސީއިން ވަނީ ބުނެފަ އެވެ.